ހުޅުމާލެ ފަރުކޮޅުފުށި ސަރަހައްދުގައި ހެދުމަށް ހަމަޖެހިފައިވާ ޕެޓް ޝެލްޓާއަށް ފުރަތަމަ ގެންދިއުމަށް ހަމަޖެހިފައި ވަނީ ސަލްމާން މިސްކިތް ކައިރި އުޅޭ 120 ބުޅާ ކަމަށް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ރަމީލާ މިފަދައިން ވިދާޅުވީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީގެ މަސައްކަތަކާ ބެހޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ޕެޓް ޝެލްޓާގެ ޕެޓް ޝެލްޓާގެ ފެންސް ޖަހާ ބައުންޑަރީ މަސައްކަތް ނިންމުމަށްފަހު އިއްޔެ އެތަން މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި މަގުމަތީގައި އުޅޭ ބުޅާތައް އެތަނަށް ގެންދިއުމަށް ވަރަށް ރަނގަޅު ޕްލޭންތަކެއް އެކުލަވާލެވިފައިވާ ކަމަށާއި އެ ޕްލޭންތައް އެކުލަވާލާފައި ވަނީ މާލެ ސިޓީ ކައުންސިލް އަދި ޕެޓް ލަވާސް ކޮމިއުޓީއާއެކު މަޝްވަރާކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރު ކުރަމުން ދަނީ މަގުމަތީ އުޅޭ ބުޅާތައް ގެންގޮސް ބައިތިއްބާނެ ވަކިވަކި ކޮމްޕާޓްމެންޓްތަކެއް ހެދުމުގެ މަސައްކަތް ކަމަށް ރަމީލާ ވިދާޅުވިއެވެ. އެއީ ބަލި ޖެހިފައިވާ ބުޅާތައް ވަކި ކުރުމަށް ކަމަށް ރަމީލާ ވިދާޅުވިއެވެ. އަދި އެތަނުގައި އެއްވެސް ގަހެއް ނެތުމުން އެތަނުގައި ހިޔާ ލިބޭނެ ގޮތްތައް ގާއިމް ކުރާނެ ކަމަށާއި ގަސް އިންދުމުގެ ޕްރޮގްރާމެއް ވެސް ކުރިއަށް ގެންދާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ރަމީލާ ވިދާޅުވީ މާލެ ސަރަހައްދުގައި އެންމެ ގިނަ ބުޅާ އުޅޭ ސަރަހައްދުތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ބެޗުގައި ގެންދަން ހަމަޖެހިފައި ވަނީ ސަލްމާން މިސްކިތް ކައިރި އުޅޭ 120 ބުޅާ ކަމަށާއި ބުޅާތައް ގެންދެވޭނީ ދަފްތަރެއް ގާއިމް ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ބުޅާތައް ޕެޓް ޝެލްޓާއަށް ގެންގޮސް ނިއުޓާ ކުރުމުގެ އިތުރުން ދޭން ޖެހޭ އިތުރު ސިއްހީ ފަރުވާތައް ދިނުމަށްފަހު 2 ވަނަ ބެޗެއް ގެންދިއުމަށް މަސައްކަތް ފަށާނެ ކަމަށް ވެސް މިނިސްޓަރު ރަމީލާ ވިދާޅުވިއެވެ.

މާލޭގެ މަގުމަތީގައި އުޅޭ ބުޅާތަކަށް ހާއްސަ ޝެލްޓާއެއް ގާއިމް ކުރުމަށް 5000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނެވެ. މާލޭ ސަރަަހައްދުގައި ދިރިއުޅޭ ބުޅާތައް ބެލެހެއްޓުމަށް ވަގުތީ ފެސިލިޓީ ނިމޭއިރު ބުޅާތަކަށް ހާއްސަ ހޮޓަލަކާއި ޕާކެއްގެ އިތުރުން ފިހާރައެއް ހުންނާނެއެވެ.

މާލޭގައި ބުޅަލުގެ އާބާދީ 3000 އަށް އަރާނެ ކަމަށާއި އެކަމަށް އެދެވޭ ހައްލެއް ނުލިބިއްޖެނަމަ ބުޅަލުގެ އާބާދީ 9000 އަށް އިތުރުވާނެ ކަމަށް މާލެ މޭޔަރު އާދަމް އާޒިމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.