ކޮރަޕްޝަނާއި މުޖުތަމައުގައި ހިނގާ ނޭދެވޭ އަމަލުތަކާ ދެކޮޅަށް ތެދުވާ ހިތްވަރުގަދަ ފަރުދުން ނުވަތަ ވިސްލްބްލޯކުރާ ފަރާތްތަކުގެ އަގުވަޒަން ކުރުމަކީ އިންސާފާއި ނަޒާހާތްތެރިކަން ގާއިމުކުރުމަށް ކޮންމެހެން މުހިއްމު ކަމެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސް ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.
ޑރ. ރަމީލާ މިހެން ވިދާޅުވީ، ދުނިޔޭގެ ވިސްލްބްލޯކުރާ ފަރާތްތަކުގެ ދުވަސް (ވޯލްޑް ވިސްލްބްލޯވާސް ޑޭ) ފާހަގަކުރުމުގެ ގޮތުން ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ބޭއްވި ހާއްސަ ޕެނަލް ޑިސްކަޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ކޮންމެ އަހަރެއްގެ ޖޫން މަހުގެ 23 ވަނަ ދުވަހަކީ ވަޒީފާގެ މާހައުލުގައި ހިނގާ ނޭދެވޭ ކަންކަން ހާމަކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހެވެ.
ރަމީލާގެ ވާހަކައިގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ މުހިއްމުކަމަށް އަލިއަޅުވާލައްވައި ވިދާޅުވީ، މިއީ ހަމައެކަނި ރަމްޒީ ގޮތުން ދުވަހެއް ފާހަގަކޮށްލުން ނޫން ކަމަށާއި މިއީ ނަޒާހާތްތެރިކަމާއި އިންސާފުގެ މަގުގައި ކުރާ މަސައްކަތުގައި ވެސް ވަރަށް މުހިއްމު ދުވަހެއް ކަމަށެވެ. އެގޮތުން މި މުޖުތަމައުގައި ހިނގާ ނުވަތަ ހިންގަފާނެ ނޭދެވޭ ކަންކަމާއި ކޮރަޕްޝަނާ ދެކޮޅަށް ތެދުވާ ހިތްވަރުގަދަ ފަރުދުންގެ އަގުވަޒަންކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި ވިސްލްބްލޯ ކުރާ ފަރާތްތަކުން ގައުމަށްޓަކައި ވަނީ ބޮޑު ގުރުބާނީއެއް ކަމަށެވެ. އެ ފަރާތްތަކުގެ ހިތްވަރުގެ ސަބަބުން ނިޒާމުގެ ތެރޭގައި ހުރި ނުރަނގަޅު ކަންކަން އިސްލާހުކުރުމަށް ފުރުސަތު ލިބިގެންދާކަން ރަމީލާ ފާހަގަކުރެއްވިއެވެ.
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓާ އައިޝަތު ރިޒްނާ ވެސް މި ހަފްލާގައި ވާހަކަ ދެއްކެވިއެވެ. ރިޒްނާ ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ މުދަލަށް ހިޔާނާތްތެރިވުމާއި ރިޝްވަތު ފަދަ ކަންކަން ފަޅާއަރުވުމުގައި ހުރި ގޮންޖެހުންތައް މިހާރު އޮތް ވިސްލްބްލޯކުރުމުގެ ގާނޫނީ ނިޒާމުގެ ތެރެއިން ހައްލުކުރެވޭނެ މަގު ވަނީ ހުޅުވާލެވިފައެވެ.
"ނޭދެވޭ އަމަލުތަކަށް ނޫނެކޭ ބުނުން" މި މައުލޫއަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކުން ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޕެނަލްގައި ވިސްލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓް، އެންޓި ކޮރަޕްޝަން ކޮމިޝަން، އެޗްއާރްސީއެމް އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އިސް ބޭފުޅުން މައުލޫމާތު ހިއްސާކުރެއްވިއެވެ.
މި ދުވަސް ފާހަގަކުރުމުގެ ގޮތުން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން ވަނީ ކުރު ވީޑިއޯ ހެދުމުގެ މުބާރާތަކާއި އޮންލައިން ކުއިޒެއް ކުރިއަށް ގެންގޮސްފައެވެ. މި ހަފްލާގައި އެ މުބާރާތްތަކުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކުރުންވެސް އޮތެވެ.
