ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަގާމަށް ޑޮކްޓަރު އާއިޝަތު ރަމީލާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު، އައްޔަން ކުރައްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރަމީލާ ވަނީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގްރާރުގައި ސޮއިކުރައްވާފައެވެ. ރަމީލާއަށް ހުވާލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރު މުހައްމަދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރަމީލާއާ ހަވާލުކޮށްދެއްވާފައެވެ.
ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުކަމަށް ޑރ. ޢާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. އެޗްއާރްސީއެމްގެ ރައީސްކަމުގައި ހުންނެވި މަރްޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު ނޮވެމްބަރު 30 ވަނަ ދުވަހު ހަމަވާއިރު އެ މަގާމަށް ކުރިމަތިލާން އާއްމުކޮށް ހުޅުވާލުމުން ކުރިމަތި ލެއްވި ބޭފުޅުުންގެ ތެެރެއިން، މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ފޮނުއްވީ ރަމީލާގެ ނަން އެކަންޏެވެ.
މި ސަރުކާރުގެ ފުރަތަމަ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުކަން ކުރެއްވި ރަމީލާ އެ މަގާމުން އިސްތިއުފާދެއްވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް މިދިޔަ އަހަރު ޑިސެމްބަރު މަހުގައެވެ.
