ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެންބަރުކަމަށް ކުރީގެ އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އައްޔަންކުރަން ރައީސް ޑރ.މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
އެޗްއާރްސީއެމްގެ ރައީސްކަމުގައި ހުންނެވި މަރްޔަމް މުނާގެ މެންބަރުކަމުގެ މުއްދަތު ނޮވެމްބަރު 30 ވަނަ ދުވަހު ހަމަވާއިރު އެ މަގާމަށް ކުރިމަތިލާން އާއްމުކޮށް ހުޅުވާލުމުން ކުރިމަތި ލެއްވި ބޭފުޅުުންގެ ތެެރެއިން، މަޖިލީހުގެ ރުހުން ހޯއްދަވަން ރައީސް ފޮނުއްވީ ރަމީލާގެ ނަން އެކަންޏެވެ.
ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވުމަށް ފަހު، ރަމީލާއަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ނިންމަން އެކަން ދިރާސާކުރަން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
މި ސަރުކާރުގެ ފުރަތަމަ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުކަން ކުރެއްވި ރަމީލާ އެ މަގާމުން އިސްތިއުފާދެއްވީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދެވުމަށް މިދިޔަ އަހަރު ޑިސެމްބަރު މަހުގައެވެ.