އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ފްރީޒް ކުރި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެސްކްރޯ އެކައުންޓްގައި ހުރި އެއް މިލިއަން ޑޮލަރުގެ މައްސަލައާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެދިގެން ހައިކޯޓުން އެމަނިކުފާނާ ދެކޮޅަށް އަމުރެއް ނެރެފިއެވެ.
މި އަމުރު ނެރެފައި ވަނީ ރައީސް ޔާމީން އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ރައްދުވާ ގޮތަށް ބީއެމްއެލުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައެވެ. އެއީ އެއް މިލިއަން ޑޮލަރުގެ މައްސަލައާ ގުޅިގެން ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައިގައި ސިވިލް ކޯޓަށް އެ މައްސަލަ ބެލުމުގެ އިހްތިސާސް އޮތްތޯ އުފެދުނު ސުވާލެއްގެ މައްސަލައިގައި ބީއެމްއެލުން ހައިކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އެ މައްސަލައިގައި ސިވިލް ކޯޓުން އޭރު ނިންމާފައި ވަނީ މައްސަލައިގެ ދައުވާއަށް ބޭންކުން ޖާވާބުދާރީ ވާން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެ މައްސަލައިގައި ޖަވާބުދާރީ ވާން ޖެހޭތޯ އުފެދުނު ސުވާލާއެކު ބޭންކުން ވަނީ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނީ މިިދޔަ ފެބްރުއަރީ މަހުގައެވެ.
މިއަދު ހައިކޯޓުން އަމުރު ނެރުނީ އަޑު އެހުމެއް ނުބާއް ވައެވެ. މި މައްސަލައިގައި މައްސަލަ ބައްލަވާ ތިން ފަނޑިޔާރުން ކަމަށްވާ ހައިކޯޓުގެ އިސްފަނޑިޔާރު ހުސެއިން ޝަހީދު، ފަނޑިޔާރު ފާތިމަރު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އިއްތިފާގުން ވަނީ ޔާމީނާއި އޭސީސީއާ ދެކޮޅަށް އަމުރު ނެރެފައެވެ.
ހައިކޯޓުން މިއަދު އަމުރު ކުރީ އެ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމުމުގެ ކުރިން، ސިވިލް ކޯޓުގައި އެއްވެސް ކަމެއް އެ މައްސަލައާ ގުޅިގެން ނުކުރުމަށެވެ.