މަޖީދިއްޔާ ކުރިމަތީ ޕާކިން ޒޯނުގައި ހުރި ފާރެއް ވެއްޓި ކާރަކަށް ގެއްލުންވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް މިހާރު ސިޓީ ކައުންސިލުން ކުރަމުން ދާ ކަމަށެވެ.
މީގެކުރިންވެސް ވަނީ ވައި ގަދަވެ ވިއްސާރުވުމާ ގުޅިގެން ވެލާނާގެ ކުރިމަތީގައި ހުރި ގަހެއްގެ ބައެއް ވެއްޓި ދުއްވާފައި ދިޔަ ސައިކަލަކަށާއި އެތާ ޕާކު ކޮށްފައި ހުރި ސައިކަލަކަށް ވަނީ ގެއްލުންވެފައެވެ. މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ ވިއްސާރަ ދުވަސްވަރު ބޭރުގައި އުޅޭއިރު ރައްކާތެރިކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.
މީގެއިތުރުން ހިޔާ ވަގުތީ މާކެޓުގެ ފުރާޅުން ޓިނު ގަނޑެއްވެސް ގަދަ ވަޔާއެކު އެއްލާލާފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހުންނަ ތަކެތި ވަޔާ ނުދާނޭ ފަދައިން ބެހެއްޓުމަށް ވެސް ކޮންސްޓްރަކްޝަން އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީން ވަނީ އެދިފައެވެ.
ވައިގަދަ މިފަދަ ދުވަސްވަރެއްގައި ރައްކާތެރި ވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިންވެސް ވަނީ ސައިކަލު ދުއްވާއިރު ކުޑަނަގައިގެން ނުދުއްވުމަށާއި ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ހެލްމެޓުވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށް ޕޮލިހުން ވަނީ އިރުޝާދު ދީފައެވެ.
މީގެއިތުރުން އުޅަނދުގެ ލައިޓުތައް ދިއްލޭތޯ ބަލާ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްގެން އުޅަނދު ދުއްވުމަށްވެސް މޯލްޑިވްސް ޕޮލިސް ސާވިސް އިން ވަނީ ބުނެފައެވެ.