2023 ވަނަ އަހަރަކީ އިންފްލޭޝަނާ އިންޓްރެސްޓް ރޭޓް މަތިވުމާ، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ނޭދެވޭ އަސަރުތަކެއް ފޯރި އަހަރެއް ނަމަވެސް މި ގޮންޖެހުންތަކާ އެކުވެސް ދިވެހިރާއްޖޭގެ އިގްތިސާދަށް 6.5 ޕަސެންޓު ގެ ކުރިއެރުމެއް ލިބިފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
ބީއެމްއެލް އިން ބުނީ އިގްތިސާދީ ކުރިއެރުމުގެ ހެޔޮ އަސަރު އެ ބޭންކުގެ ވިޔަފާރިއަށްވެސް ކުރިކަމަށެވެ. މިގޮތުން ބޭންކުގެ ބެލެންސް ޝީޓަށް 3.8 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އިތުރުވެ ޖުމްލަ އެސެޓް 45 ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރާފައިވާކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އަދި ހިންގުމުގެ ފައިދާ ހުރީ ކުރީ އަހަރަށް ވުރެ 7 ޕަސެންޓް އިތުރުވެ، 2.7 ބިލިއަން ރުފިޔާގައި ކަމަށާއި އަދި ސާފު ފައިދާގެ ގޮތުގައި ބޭންކަށް 2.07 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
މިދިޔަ އަހަރު ބޭންކުން ހޯދި ނަތީޖާއާ ގުޅޭ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރު އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ ފަރުދުންނާއި ވިޔަފާރިތަކަށް 5 ބިލިއަން ރުފިޔާގެ އައު ލޯނު މިދިޔަ އަހަރުގެ ތެރޭގައި ދޫކުރެވުނު ކަމަށެވެ. އަދި މިއަދަދުގެ ތެރެއިން އާންމު ފަރުދުންނާ އެސްއެމްއީ ސެގްމަންޓަށް އަމާޒުކޮށް 1.4 ބިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް ނިމާލް ވިދާޅުވިއެވެ "މިއާއެކު މިދިޔަ އަހަރުވެގެން ގޮސްފައިވަނީ ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެސްއެމްއީ ސެގްމަންޓަށް އެންމެ ގިނައިން ލޯނު ދޫކުރި އަހަރަށް." ނިމާލު ވިދާޅުވިއެވެ.
މިދިޔަ އަހަރު ބޭންކުން ވަނީ ޕާސަނަލް ބޭންކިން ކަސްޓަމަރުންނަށް ދެމުންދާ އުފެއްދުންތަކާ ހިދުމަތްތަކަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކާ ގުޅޭ ގޮތުން ނިމާލް ވިދާޅުވީ ތައުލީމަކީ ހާއްސަ އިސްކަމެއްދޭ އެއް ދާއިރާ އަކަށްވެފައި، ދިވެހި އިގްތިސާދަކީ އިލްމުގެ މައްޗަށް ބިނާކުރެވޭ އިގްތިސާދަކަށް ހެދުމުގެ މަގްސަދުގައި ކިޔަވާ ލޯނުގެ ރޭޓް 9 ޕަސެންޓް އިން 5 ޕަސެންޓަށް ދަށްކުރެވިގެން ދިޔަކަމަށެވެ. އަދި ގެދޮރު ގަތުމަށް އެދޭ ލޯނަށް ގިނަ ބަޔަކު ކޮލިފައި ކުރުމުގެ ބޭނުމުގައި ހޯމް ޕަޗޭސް ލޯނާއި ފައިނޭންސިންގެ މުއްދަތު 25 އަހަރާ ހަމަޔަށް އިތުރުކުރެވިގެން ދިޔަކަމަށް ނިމާލް ވިދާޅުވިއެވެ. "މީގެ އިތުރުން ފަރުދުންގެ އެންމެހާ ބޭނުންތަކަށް ފަހިވާނެހެން، ރަހުނަކާ ނުލައި ނެގޭ އަދަދު 1.2 މިލިއަން ރުފިޔާއާ ހަމައަށް އިތުރުވެސް ކުރިން. މި ބަދަލުތަކަކީ ކަސްޓަމަރުން ބަލައިގެންފައިވާ ބަދަލުތަކެއް." ނިމާލް ވިދާޅުވިއެެވެ.
މީގެއިތުރުން ބީއެމްއެލްއިން ބުނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފެށުމަށް ބޭނުންވާ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ދޫކުރަން ފެށި ބީއެމްއެލް ސްޓާޓްއަޕް ގްރާންޓުން އެހީ ލިބުނު 3 ވިޔަފާރިއެއް މިދިޔަ އަހަރުތެރޭ ކާމިޔާބުކަމާއެކު ގާއިމްވެ ހިނގައިގަތް ތަން ފެނުނުކަމަށެވެ. އަދި 2023 ވަނަ އަހަރު މި ހިލޭ އެހީގެ ދަށުން އިތުރު ދެ ވިޔަފާރިއެއް ފެށުމަށް ބޭންކުން އެހީތެރިކަން ދީފައިވާކަމަށް ބީއެމްއެލް އިން ވަނީ ފާހަގަކޮށްފައެވެ.
"ވިޔަފާރިތަކަށް ބޭނުންވާ އެކިއެކި ބޭންކިން ހިދުމަތްތައް ފަސޭހައިން ލިބޭނެ ގޮތްވުމަކީވެސް ވިޔަފާރިވެރިތަކަށް ވަރަށް މުހިންމުކަމެއް. މި ބޭނުމުގައި ވިޔަފާރިތަކުގެ އެންމެހާ ހިދުމަތްތައް މާލޭ ބިޒްނަސް ސެންޓަރުގައި، އެއްފުރާޅެއްގެ ދަށަށް ގެނައުމުގެ މަސައްކަތް މިދިޔަ އަހަރުތެރޭ ނިންމާލެވުނު. ބިޒްނަސް ސެންޓަރުން މިހާރު އެކައުންޓް ހުޅުވުމުގެ އިތުރުން، ލޯން އަދި ޑިޖިޓަލް ހިދުމަތްތަކަށް އެދި ހުށަހެޅޭނެ. އަދި މާޗަންޓުން ބޭނުންވާ އެކި އެކި އެހީތެރިކަންވެސް ފޯރުކޮށްދެވޭ. މި ބަދަލާއެކު ވިޔަފާރިތަކުން ހޯދަމުންދާ ހިދުމަތުން ލިބޭ ތަޖުރިބާ ރަނގަޅުވެ ބޭންކާ އޮންނަ ގުޅުންވަނީ ހަރުދަނާ ވެފަ." ބީއެމްއެލް އިން ވަނީ ބުނެފައެވެ.
2023 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސްއާ އަލަށް ގުޅުނު 23,000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއެކު ޖުމްލަ ގުޅުނުއިރު މިހާރު ބޭންކުގެ ކަސްޓަމަރުންގެ އަދަދުވަނީ 345,000 އަށް އަރާފައެވެ. މިދިޔަ އަހަރު 66،000 އެކައުންޓް ހުޅުވާފައިވާއިރު އޭގެ ތެރޭގައި 5,600 ބިޒްނަސް އެކައުންޓް ހިމެނެއެވެ.