ބައްޕަ ގާތުގައި ތިބި ދެ ކުދިން ފުލުހުން ގޮސް ބާރުގެ ބޭނުން ކޮށްގެން ނަގާ މަންމަ އާ ހަވާލުކޮށްފިއެވެ.
ށ. އަތޮޅު ނަރުދޫގައި މިއަދުގެ ވަގުތެއްގައި މި ހާދިސާ ހިނގާފައި ވާއިރު، ބައްޕަ ގާތުގައި ތިބި ދެ ކުދިން ފުލުހުން ގޮސް މަންމަ އާ ހަވާލުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މަހުގެ 14 ވަނަދުވަހު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ނެރުނު އެ އަމުރުގައި ވަނީ އެކޯޓްގައި ބަލަމުންދާ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެ ކުދިންގެ މަންމައާ ކުދިން ހަވާލުކުރުމަށް އެ ކުދިންގެ ބައްޕަގެ މައްޗަށް އަމުރު ކޮށްފައެވެ. ނަމަވެސް ކުދިންގެ ބައްޕަ އެފަދައިން އަމަލުކޮށްފައި ނުވުމުން އެ ހުކުމް ތަންފީޒު ކުރުމަށް ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ މައްޗަށްވެސް ވަނީ އަމުރު ކޮށްފައެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯގައި ފެންނަގޮތުގައި އެ ކުދިންގެ ބައްޕަ ކައިރިން ކުދިން ނަގަން ގިނަ އަދަދެއްގެ ފުލުހުން ގޮސް ތިއްބެވެ. އަދި އެތަނަށްް އެއްވެ ތިބި ބަޔަކާ ހަމަނުޖެހުން ހިނގާއިރު ބިންމައްޗަށް އަންހެނަކު ވެއްޓިފައި އޮންނަ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.
މި ހާދިސާ އާ ގުޅިގެން ނަރުދޫ މީހަކު މައުލޫމާތު ދިން ގޮތުގައި ފުލުހުން އެ ކުދިން ގެންދިއައީ ބާރުގެ ބޭނުން ކޮށްގެން އެ ދެކުދިން ރޮއި ރޮއި ނުދާން ގޮވަގޮވައި ތިއްބައެވެ.
ފުލުހުން ނަރުދޫ އަށް ގޮސް އެ ދެ ކުދިން ނެގީ ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންގެ ހާޒިރުގައެވެ. މި ކުދިން މަންމަ އާ ހަވާލުކުރުމަށް އިއްޔެވެސް ފުލުހުން މަސައްކަތް ކޮށްފައިވީ ނަމަވެސް ކުއްޖާގެ ބައްޕަ އާއި އޭނާގެ އައިލާއިން ވަނީ އެކަމަށް ހުރަސް އަޅާފައެވެ.