މޫސުން ތަންދޭތީ މި ފެށޭ އާދިއްތަ އިން ފެށިގެން ބުދައިގެ ނިޔަލަށް ކާބޯތަކެތި ރަށްރަށަށް ގެންދިއުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އެދިއްޖެއެވެ.
އެންޑީއެމްއޭ އިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައި ގައި ކަނޑު ދަތުރު ކުރުމަށް ބުރޫ އެރުމުން ބައެއް ރަށްރަށުން ކާޑުގެ ބާވާތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިވެފައިވާ ކަމަށެވެ. އަދި މި ފެށޭ އާދިއްތަ އިން ފެށިގެން ބުދައިގެ ނިޔަލަށް ކަނޑުދަތުރު ކުރެވޭ ވަރަށް މޫސުން ތަންދޭކަމަށް މެޓު އޮފީހުން މައުލޫމާތު ދީފައިވާތީ މި މުއްދަތުގެ ތެރޭގައި ކާބޯތަކެއްޗާއި ޒަރޫރީ ތަކެތި ރަށްރަށަށް ގެންދިޔުމަށް އިލްތިމާސް ކުރާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ.
މެޓު އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅުގެ ނިޔަލަށް މިއަދުގެ 12:00 އިން 18:00 އަށް ވައިޓް އެލާޓު ނެރެފައެވެ. ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް އަދި ގަޑިއަކު 19 މޭލާ 24 މޭލަށް ދެމެދު ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މި ދުވަސްވަރަކީ މޫސުން ގޯސްވެ ވައިބާރު ވުމާއެކު ކަނޑުތައް ގަދަ ދުވަސް ވަރަކަށް ވުމުން ކަނޑުދަތުރު ކުރާ ފަރާތްތަކުންނާއި ބްރިޖް މަތިން ދަތުރު ކުރާ ފަރާތްތަކުން ހާއްސަ ސަމާލު ކަމެއް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންންނެވެ.