ވެރިކަންކުރާ ޕީއެންސީގެ އަމީންއާންމުގެ މަގާމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރުގެ އަނބިކަނބަލުން ޒީނާޒް އަދުނާން އައްޔަންކޮށްފިއެވެ.

ޕީއެންސީން އެކަން ހާމަކުރީ އެ ޕާޓީގެ ރަސްމީ 'އެކްސް' އެކައުންޓުން ޒީނާޒްގެ ފޮޓޯއެއް ހިއްސާކޮށް ކުރި ޕޯސްޓެއްގައެވެ.

މީގެ ކުރިން ޕީޕީއެމްގެ ސެނެޓުގައި ވެސް ހިމެނުނު ޒީނާޒް ވަނީ، ތައުލީމީ ދާއިރާ އަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވައި، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ސީއީއޯކަން ވެސް ކުރައްވައިފައެވެ.

އިލެކްޝަންސް ކޮމިޝަނުން މީގެ އެއް މަސް ކުރިން އަދާހަމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޕީއެންސީގައި މިވަގުތު 27،704 މެންބަރުން އެބަތިއްބެވެ. އަދި ޕީއެންސީ އާ ކޯލިޝަން ހަދާފައިވާ ޕީޕީއެމްގައި 35،044 މެންބަރުން މިވަގުތު އެބަތިއްބެވެ. ދެ ޕާޓީ އެއްކޮށްލުމުން އެއީ 62،748 މެންބަރުންނެވެ.

ނަމަވެސް ވެރިކަން ލިބުމާއެކު ޕީޕީއެމްގެ އަޑު ފަނޑުވެ، ޕީއެންސީގެ އަޑު ގަދަވާން ފެއްޓިއެވެ. ފާހަގަކުރެވޭ ގޮތުގައި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސުޕަ މެޖޯރިޓީ ހޯދި ސަރުކާރު ކޯލިޝަނުން ވާދަކުރި އެއްވެސް ކެންޑިޑޭޓަކު ޕީޕީއެމްގެ ޓިކެޓުގައި އިންތިހާބުގައި ވާދައެއް ނުކުރެއެވެ.