ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން 'އުރީދޫ ފަން ރަން 2024' ގެ ރީޖަނަލް އެޑިޝަން މި އަހަރުގެ ޖުލައި މަހު ލާމު އަތޮޅުގައި ބާއްވަން ނިންމައިފިއެވެ.

އުރީދޫ ފަން ރަން ލާމު އެޑިޝަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އެ ކުންފުނިން ބުނީ ލ.ގަމުގައި މި ހަރާކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޖުލައި 5، 2024 ގައި ކަމަށެވެ. އިތުރަށް އުރީދޫ އިން ބުނީ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށް ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށެވެ.

އުރީދޫ ފަން ރަން ކިޓުތައް ލިބެން ހުންނަ 2 ކެޓަގަރީއަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީއެވެ. ސްޓޭންޑަޑް ކިޓުގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާއެވެ. 200 ރުފިޔާ އަށް ލިބޭ ފަން ކިޓުގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ވްރިސްޓް ބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެއެވެ.

މި އިވެންޓާ ގުޅޭ ގޮތުން އުރީދޫގެ ސީއީއޯ ވިދާޅުވީ ލާމު އަތޮޅުގައި ބާއްވާ ފަން ރަންގެ އެންމެ ބޮޑު އަމާޒަކީ މުޖުތަމައުގެ ފަރުދުން އެއްތަނަކަށް ގެނައުން ކަމަށެވެ. "މި އިވެންޓަކީ ހަމައެކަނި ފިޓްނަސްއާ ބެހޭ އިވެންޓެއް ނޫން. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ސަގާފަތާއި އެއްބައިވަންތަކަން އާލާކުރުމުގެ ހަރަކާތެއް. އަޅުގަނޑުމެން އިންތިޒާރު ކުރަނީ އެންމެން ބައިވެރިވެ ދެމިއޮންނަ ހަނދާންތައް އުފެއްދުމަށް" ސީއީއޯ ވިދާޅުވިއެވެ.

އުރީދޫ ފަން ރަން އަކީ ހުރިހާ އުމުރެއްގެ ދުވުންތެރިން ބައިވެރިވާ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓް ކުރުމުގެ އިތުރުން މުޖުތަމައުގެ އެއްބައިވަންތަކަމާއި އަދި އުފާވެރިކަން ފާހަގަކުރާ ދުވުމެކެވެ.