ހުޅުމާލެ ފަޅުތެރޭގައި ދިޔަވެ އަޑިއަށް ދިޔަ ލޯންޗެއް ފެންމަތި ކުރުމުގެ މަސައްކަތް އެމްއެންޑީއެފް އިން ފަށައިިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ހުޅުމާލެ ފަޅުތެރޭގައި އަޅާފައި އޮތް އީޕީއޭގެ ކުޑަލޯންޗެއް ދިޔަވެ އަޑިއަށް ގޮސްގެން، އެ އުޅަނދު ފެންމަތިކުރުމުގެ މަސައްކަތް އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މިހާރު ގެންދަނީ ކުރަމުން ކަމަށެވެ.

މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވުމުން ތަންތަނަށް ދަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވެ ވައިގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި މިއީ ބޭ އޮފް ބެންގޯލް ސަރަޙައްދުގައި އުފެދެމުންދާ ކޮޅުގަނޑުގެ އަސަރުކަމަށްވެސް އެ އިދާރައިން ހާމަކޮށްފައި ވެއެވެ.

ފުލުހުން ބުނީ މިހާ މޫސުން ގޯސް ދުވަސްވަރެއް ކަމުން ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށެވެ. އަދި ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. މީގެ އިތުރުންވެސް ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ ކުރިން ފުލުހުން ވަނީ ވައިގަދަކަމުން ސައިކަލު ދުއްވާއިރު ކުޑަ ހިފައިގެން ނުދުއްވުމަށް ވެސް އިލްތިމާސްކޮށްފައެވެ. އޭގެ އިތުރުން، ފަސޭހައިން ހަލާކުވެ ވަޔާދާ ފަދަ ކޯޓު ބޭނުންނުކުރުމަށާއި ހެލްމެޓު ވެސް ވަޔާ ނުދާނޭހެން ރަނގަޅަށް އެޅުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓްއިން ވަނީ މިއަދުގެ 11:15 އިން 15:15 އަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖު އެލާޓު ނެރެފައެވެ. ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މެޓުން ވަނީ ބުނެފައެވެ.