މަގާމުތަކަށް ބަދަލު ގެންނަނަނީ ސަރުކާރު ހިންގުން ހަރުދަނާކޮށް ރަނގަޅުކުރުމަށް ކަމަށް ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިފަދައިން ވިދާޅުވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ގިނަ ބަޔަކު ވަކިކޮށް، އިސްތިއުފާދީ އަދި މަގާމުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ހީނާ ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރު ހިންގުމުގައި އެމަނިކުފާނަށް ފަސޭހަފުޅުވާ ގޮތަށް ކަންކަން ބައްޓަން ކުރެއްވުމަށް އެމަނިކުފާނަށް ބާރު ލިބިގެންވާ ކަމަށާއި އެގޮތުް ކުންފުނިތަކަށް މީހުން އައްޔަންކުރުމާއި ބަދަލުކުރުމާއި ވުޒާރާތަކަށް މީހުން އައްޔަންކުރުމާއި ބަދަލުކުރުން ހިމެނޭ ކަމަށެވެ.
އެގޮތުގެ މަތިން ސަރުކާރު ހިންގުމުގައި ރައީސް ބޭނުންފުޅުވާ ކަންކަން ފަސޭހަފުޅު ކުރެއްވުމަށްޓަކައި ނުވަތަ އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމަށްޓަކައި ކުރައްވަން ޖެހޭ ކަންކަން އެމަނިކުފާނު އަބަދުވެސް ކުރައްވަމުން ގެންދަވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
މިދިޔަ އަންގާރަ ދުވަހު މިފްކޯގެ ސީއީއޯ ކަމުން އަހުމަދު ޝަމާހު އެ މަގާމުން ވަކިކޮށް ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓަކަށް އައްޔަންކުރަން ވަނީ ނިންމާފައެވެ. އެއަށްފަހު އެމްއެމްޕީއާރުސީގެ ޗެއާޕާސަން ކަމުން ނޫރައިން ޖަނާހު ވަނީ އިސްތިއުފާދެއްވާފައެވެ. އޭގެ ކުރިން އެމްއެމްޕީއާރުސީގެ ބޯޑު މެންބަރު ކަމުން ރާފިލް މުހައްމަދު ވެސް އިސްތިއުފާ ދެއްވާފައިވާއިރު އިއްޔެ ވަނީ އެ ކުންފުނީގެ މެނޭޖިން ޑިކްރެޓަރު ކަމުން ފާތިމަތު ތައުފީގު ވެސް އެ މަގާމުން ވަކިކޮށްފައެވެ.
ރޭގެ ވަގުތެއްގައި އެޗްޑީސީގެ ޗެއާޕާސަންގެ މަގާމުން އަހުމަދު ޒުހޫރު ވަކިކޮށްފައިވާއިރު ސްޕޯޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒާއި ހެރިޓޭޖު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ވަޖުދީ ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި މިއަދު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑައިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން ހަސަން ޒަރީރު އިސްތިއުފާ ދެއްވާފައިވާއިރު ޒަރީރަކީ ކޮމިޝަނަރާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވާ ބޭފުޅެކެވެ.