ގައުމެއްގައި އިލްމީ ބަހުސްތައް އާންމުކުރުމަކީ އެ ގައުމެއްގެ މުސްތަގުބަލަށްޓަކައި އެޅޭނެ އެންމެ ހަރުދަނާ އެއް ފިޔަވަޅު ކަމުގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އިން އިންތިޒާމުކޮށްގެން ރޭ ބޭއްވި ބަހުސް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ބޭއްވި މި ރަސްމިއްޔާތުގައި މުބާރާތުގެ ބައިވެރިންނާ މުހާޠަބުކުރައްވައި މިނިސްޓަރު ވަނީ އިލްމީ ބަހުސްތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ފިކުރީ ވިސްނުންތަކާއި އާ ހޯދުންތަކުގެ އިތުރުން ހަރުދަނާ ލީޑަރުން ވެސް އުފެދިގެން އަންނަނީ އިލްމީ ބަހުސްތަކުގެ ތެރެއިން ކަމަށް ފާހަގަކުރެއްވިއެވެ. އަދި މަދުރަސީ ދައުރުގައްޔާއި، ޔުނިވާސިޓީ ފެންވަރުގެ އިތުރުން އެހެނިހެން ލެވެލްތަކުގައި ވެސް މިފަދަ ހަރަކާތްތައް އާލާކުރުމަކީ މުޖުތަމަޢުގެ ކުރިއެރުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅު ކުރިއަށްގެންދަވަމުން މިނިސްޓަރު ވިދާޅުވީ، މިއަދު މުޖުތަމަޢާއި ވެށިން ފެންނަންހުރި އެކި ކަންކަމާމެދު އިލްމީ ނަޒަރަކުން ބަހުސްކުރެވި، އަންނާން އޮތް ޖީލުތަކަށް ނަމޫނާއާއި ހެޔޮގޮތް ދައްކައިދިނުމަށްޓަކައި އިލްމީ ވާހަކަތަކަށް މުޖުތަމަޢު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ. އެހެންކަމުން އެކި އެކި މައުޟޫއުތަކަށް ސިކުނޑިތައް ހުޅުވާލައި، ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ، އެމްއެންޔޫގެ ޒުވާން ހިންގުންތެރި ޓީމަކީ އެކަމަނާ ފާހަގަކުރެއްވި އަމާޒުތަކަށް ވާސިލުވުމުގެ ފުރިހަމަ ހުނަރާއި ޤާބިލުކަން ލިބިފައިވާ ބައެއްކަން ފާހަގަކުރައްވަމުންނެވެ. އަދި އެ ޔޫނިއަންގެ ފަރާތުން ކުރަމުންދާ މަސައްކަތްތަކަށް ތައުރީފާއި ޝުކުރު އަދާކުރެއްވިއެވެ.
