ދިވެހިރާއްޖޭގެ މިނިވަންކަން ދެމިއޮތުމުގެ އެންމެ ބޮޑު ސިއްރަކީ މާޒީގެ ހިތްދަތި ތަޖުރިބާތަކާއި ކުރިމަތިވެދާނެ ނުރައްކާތަކަށް ޒުވާން ޖީލުތައް އަހުލުވެރިކުރުވުން ކަމަށް މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިފަދައިން ވިދާޅުވެފައިވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ހީނާ ވިދާޅުވީ މާޒީގައި ދިވެހިން ތަޙައްއްމަލުކުރި ހިތްދަތި ހާދިސާތަކާއި، މުސްތަގުބަލުގައި ކުރިމަތިވެދާނެ ނުރައްކާތައް ޒުވާނުންގެ ސިކުނޑިތަކަށް ވާސިލްކޮށްދިނުމަކީ މިނިވަންކަން ދެމެހެއްޓުމުގެ އަސާސްކަމަށެވެ.
ހީނާ ވިދާޅުވީ ގައުމެއްގެ މުސްތަގިއްލުކަމަކީ ހަމައެކަނި ލިޔެވޭ އެއްބަސްވުމެއް ނޫން ކަމަށާއި، އެއީ ދިވެހިންގެ ހާއްސަ ސިފަތަކާއި ސަގާފަތަށް ދުނިޔެ ކުރާ އިހުތިރާމެއްކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދެއްވަނީ ގައުމިއްޔަތު އާލާކޮށް، މިނިވަންކަމުގެ ދާއިރާ ފުޅާކޮށް ހިމާޔަތްކުރުމަށްކަމަށް ހީނާ ވަނީ ވިދާޅުވެފައެވެ.
އިތުރަށް ހީނާ ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއެރި ތާރީހީ ކޮންމެ ދަނޑިވަޅަކަށް ބެލިނަމަވެސް، އެކަމުގެ ފަހަތުގައި ދިވެހިންގެ ބަޔަކު ހިމެނޭކަން ތާރީހުން ކަށަވަރުވާކަމަށާއި، އެހެންކަމުން ގައުމީ މިނިވަންކަން ނެގެހެއްޓުމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާކަމަށެވެ.
އަލިރަސްގެފާނު ޝަހީދުވި ހާދިސާއާއި، ހަސަންތާޖުއްދީނުގެ ދެ ދަރިކަލުންގެ ހިޔާނާތުގެ އިތުރުން އިނގިރޭސީންގެ ހިމާޔަތް ހޯދަންޖެހުނު ތާރީހީ ހާދިސާތަކަށް އަލިއަޅުއްވާލައްވަމުން ހީނާ ވިދާޅުވީ، ދިވެހިވަންތަކަމާއި ސަގާފަތް ރައްކާތެރިކޮށްގެން މެނުވީ މިނިވަންކަން ދެމިނޯންނާނެ ކަމަށެވެ.
