ބޭންކް އޮފް މޯލްޑިވްސް އިން (ބީއެމްއެލް)ގެ މާސްޓާކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހުޅުވާލި ޗެމްޕިއަންސް ލީގު ބަލާލަން ދެވޭ، ހާއްސަ ޕްރޮމޯޝަންގެ އިނާމު ލިބޭ ފަރާތް ހޮވައިފިއެވެ.

އިނާމު ލިބުނު ފަރާތަކީ މުހައްމަދު މުހުދިން (ހުސްނޫވިލާ، މަރަދޫ އައްޑޫ ސިޓީ)އެވެ. މި ޕްރޮމޯޝަންގައި ހިމެނޭ އެންމެ މުހިންމު އެއްބައިކަމުގައިވާ ފައިނަލް މެޗުގެ ޕްލޭޔާ މެސްކޮޓްގެ ދަށުން ދަނޑަށް އެރުމުގެ ފުރުސަތު ލިބިފައިވަނީ މުހުދިންގެ ކޮއްކޮ، އިބްރާހިމް ޒާއިން ޒިޔާދުއަށެވެ.

ބީއެމްއެލް އިން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ލިބޭ އިނާމުގެ ގޮތުގައި މުހުދިން އާއި ޒާއިން އަށް ހުރިހާ ހަރަދަކާއެކު ލަންޑަންގައި ހަތަރު ދުވަހަށް ހުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މިގޮތުން ލަންޑަން ދެކޮޅު ޓިކެޓް، އެކޮމޮޑޭޝަން، ޔޫއެފާ ޗެމްޕިއަންސް ލީގް ފައިނަލް މެޗުގެ ދެކޮޅު ޓިކެޓް، ޕޮކެޓް މަނީ އަދި ވެލްކަމް ގިފްޓެއް ދިނުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮމޯޝަންގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރިޕެއިޑް ކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނުނެވެ.

މާސްޓަކާޑަކީ ޔޫއެފްއާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެވެ. ބީއެމްއެއް އަކީ ރާއްޖޭގައި މާސްޓާކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ. ބީއެމްއެލްއިން އަންނަނީ ރާއްޖޭގައި މާސްޓާކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.