މޫދަށް އެރި އުޅެނިކޮށް ކޮޅިގަނޑެއްގައި ޖެހި އެއްގަމަށް ނާދެވިފައި ތިބި ކުދިންތަަކަކަށް ސްޓެލްކޯގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ އއ. ތޮއްޑޫގައެވެ. ސްޓެލްކޯއިން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މޫސުން ގޯސްވެ، މިއަދު ހަވީރު ކޮޅިގަނޑެއް އައި ވަގުތު ތޮއްޑޫގައި މޫދަށް އެރި ތިބި ކުދިންތަކެއް ކޮޅިގަނޑުގައި ޖެހި އެއްގަމަށް ނާދެވި އުޅެނިކޮށް، އެ ކުދިން ސަލާމަތްކޮށް އެއްގަމަށް ގެނައުމަށް އެވަގުތު އެ ސަރަޙައްދުގައި ތިބި އެ ކުންފުނީގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މީގެ އިތުރުންވެސް ކޮޅިގަނޑުގެ ސަބަބުން ބިންދައިގެންދިޔަ ބައެއް ގަސްގަހުގެ ބައިތައް ގޭގޭގެ ފުރާޅަށް ވެރުމާއި ގުޅިގެން ލިބުނު ގެއްލުންތަކުން ސަލާމަތް ކުރުމަށްވެސް އެ ކުންފުނީގެ މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ރައްޔިތުންނަށް ދިމާވާ މިފަދަ ކޮންމެ ކަމެއްގައި މިކުންފުނީގެ މުވައްޒަފުން އަބަދުވެސް ދެމިތިބޭނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ދާދިފަހުން ސްޓެލްކޯ މުވައްޒަފަކަށް ދިމާވި ހިތާމަވެރި ހާދިސާގައި އެހީވި ސިފައިންގެ މީހާއަށްވެސް އެކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ. މި ހިނގާ މަހުގެ 8 ވަނަ ދުވަހު މެދުވެރިވި މި ހާދިސާގައި ކުޑަ ކުއްޖާއަށް އެހީތެރިކަން ފޯރުކޯށްދީފައިވަނީ ކޯސްޓްގާޑުގެ ކޯޕްރަލް މުހައްމަދު ހިޝާމް އަހުމަދުއެވެ.
އެ ކުއްޖާގެ ބައްޕަ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ގޮތުގައި ދަރިފުޅު ފިޓު ޖެހުނު ވަގުތު ގޭގައި ހުރީ އޭނާގެ އަންހެނުން އެކަނިއެވެ. އަދި އަންހެންނުން ދަރިފުޅު ހޮސްޕިޓަލަށް ގެންދަން އުރާލައިގެން ތިރިއަށް ފޭބި ވަގުތު ހިޝާމް އަށް އެ މަންޒަރު ފެނި އެހީވެދިން ކަމަށް އެ ކުއްޖާގެ ބައްޕަ ބުނެފައި ވެއެވެ.
އެކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ އެ ހާދިސާ މެދުވެރިވީ އެ ކުންފުނީގެ މުވައްޒަފެއްގެ ދަރިއަކަށް ކަމަށާއި އެވަގުތު އެ ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ހޮސްޕިޓަލަށް ގެންދިއުމުގައި އިންސާނިއްޔަތުކަމުގެ ނަމޫނާ މިސާލު ދެއްކި އެމްއެންޑީއެފްގެ މުވައްޒަފަށް ސްޓެލްކޯއިން ވަނީ ޝުކުރު އަދާކޮށްފައެވެ.