ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގަމުންދާ ކޮމިއުނިޓީ ފަންޑުގެ ނަން 'ބޭންކު ފަންޑު'ގެ ނަމަށް މިއަދު ބަދަލުކޮށްފިއެވެ.

ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ މި ފަންޑުގެ ދަށުން ކޮންމެ އަހަރަކު ވެސް ދެ ލައްކަ ރުފިޔާ ލިބޭ ގޮތަށް ފަސް ޕްރޮޖެކްޓެއް ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

ފަންޑު ދޫކުރުމަށް ހަމަޖެހިފައިވާ ހަތަރު ދާއިރާ އަކީ، ތައުލީމާއި، ކުޅިވަރާއި، ތިމާވެށީގެ ދާއިރާގެ އިތުރުން މުޖްތަމައުއަށް ފައިދާ ކުރާނެ ކަންކަމަށެވެ. އެގޮތުން، ހުށަހަޅާ ޕްރޮޖެކްޓްތަކަކީ ސަސްޓެއިނަބަލް އަދި މުޖްތަަމައުއަށް ފައިދާ ކުރާ ކަމެއް ހިމެނޭ ޕްރޮޖެކްޓަކަށް ވާންވާނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބޭންކު ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާނަމަ އީމެއިލް މެދުވެރިކޮށް އެ ފުރުސަތު ހުޅުވާލާފައިވާއިރު ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އަކީ 10 ޖޫން 2024 ގެ ނިޔަލަށެވެ. ޕްރޮޕޯސަލް އިވެލުއޭޓް ކުރާނީ ބޭންކުން ކަނޑައަޅާ ޕެނަލްއަކުންނެވެ.

މިހާތަނަށް ބޭންކު ފަންޑުގެ ދަށުން 100 ޕްރޮޖެކްޓެއް ހިންގުމަށް ފައިސާގެ އެހީ ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ދާދިފަހުން މި ފަންޑު މެދުވެރިކޮށް ނިންމާފައިވަނީ އައްޑޫ ސިޓީ ހިތަދޫގައި މޯލްޑިވްސް މަންތާ ކޮންޒަވޭޝަން ޕްރޮގްރާމުގެ ދަށުން 'ރަށްވެށި ޕްރޮގްރާމް' އެކެވެ. މި ޕްރޮގްރާމުގެ ދަށުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަންތާ ސާވޭ ފީލްޑްޓްރިޕް ހިމެނޭހެން 1 މަހުގެ މެރިން އެޑިއުކޭޝަން ކޯހެއް ހިންގާފައި ވެއެވެ.

މީގެ އިތުރުން ބީއެމްއެލް ބޭންކު ފަންޑުގެ ދަށުން ހދ. ނެއްލައިދޫގެ ފަތޯ ސްޕޯޓްސް އެކަޑަމީ އިން ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގުމަށް އެހީތެރިވުމަށް ކުޅިވަރާ ގުޅޭ ސާމާނުވަނީ ގަނެފައެވެ.މި ޕްރޮގްރާމުގެ ދަށުން އުމުރުން 6 އަހަރާއި 15 އަހަރުގެ އުމުރުފުރާގެ ކުދިންނަށް ފުޓްބޯޅަ، ހޭންޑްބޯލް، ވޮލީބޯޅަ ކުޅުމުގެ ޓްރެއިނިންގ ޕްރޮގްރާމް ހިންގުމަށް އެހީތެރިކަން ފޯރުކޯށްދޭނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެެވެ.