ބޭރުގެ ދަރަނީގެ ހާލަތު އޮތް ގޮތުން ރާއްޖޭގެ އިގްތިސާދަށް ގިނަ ގޮންޖެހުން އެބަހުރި ކަމަށާއި މިކަން ރަނގަޅު ކުރުމަށް އިސްލާހީ ފިޔަވަޅުތައް ވީހާވެސް އަވަހަކަށް އަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.
ޝަފީގު މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެއާ ގުޅޭގޮތުން ވޯލްޑް ބޭންކުން ތައްޔާރުކުރި 'ސްކޭލިން ބެކް އެންޑް ރިބިލްޑިން ބަފާސް' ރިޕޯޓާ ބެހޭގޮތުން މަޝްވަރާ ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ޝަފީގު ވިދާޅުވީ ފިޔަވަޅުތައް ނާޅައި ދެން އިިތުރަށް ތިބެވެން ނެތް ކަމަށާއި، މިފަދަ ފިޔަވަޅުތައް އެޅިފައި ނެތުމުން މިދިޔަ އަހަރަށް ރޭވި އިސްލާހީ ޕްރޮގްރާމްތައް ނުހިންގުން ކަމަށެވެ.
ޝަފީގު އިތުރަށް ވިދާޅުވީ ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުން އިސްލާހު ކުރުމަށް އެންމެ ފުރަތަމަ ވެސް އިސްކަމެއް ދޭނީ ސަރުކާރު ހިއްސާވާ ކުންފުނިތައް އިސްލާހު ކުރުމަށް ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށެވެ.
ސަބްސިޑީ ދޭ އުސޫލަށާއި އާސަންދަ ސްކީމަށްވެސް ގެންނަން ޖެހޭ ބަދަލުތައް ގެނެސް، ޓާގެޓަޑް ސަބްސިޑީއަށް ބަދަލުކުރުމުގެ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމަށްވެސް ޝަފީގު ވަނީ ވިދާޅުވެފައެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިސްޓު އާޑަމް އޭޓަސް ވިދާޅުވީ، ސަރުކާރުން ފައިނޭންސިން ހޯދުމުގައި އެމްއެމްއޭ އާއި ކޮމާޝަލް އެހެން ބޭންކްތައް ބަރޯސާވާ ވަރު ވަރަށް ބޮޑު ކަމަށާއި، މުޅި ބޭންކިން ދާއިރާގެ 30 ފައިސާ ހޭދަކުރަނީ ސަރުކާރުގެ ޓީބިލާއި ޓީ ބޮންޑަށް ކަމަށެވެ. މިކަމުގެ ސަބަބުން މާލީ ދާއިރާއަށް ދަތިތައް ކުރިމަތިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މިދިޔަ އަހަރު ރާއްޖޭގެ އިގްތިސާދީ އަޕްޑޭޓް "ބެޓަން ޑައުން ދަ ހެޗަސް" ރިޕޯޓު ނެރެމުންވެސް އިކޮނޮމިސްޓް އާޑަމް އޭޓަސް ވިދާޅުވީ ރާއްޖޭގެ ޓްރޭޑް ޑެފިސިޓް ހުރީ ވަރަށް މަތީގައިކަމަށާ އޭގެ ސަބަބުން ރިޒާވަށް ބޮޑު އަސަރެއް ކޮށްފައިވާކަމަށެވެ. މި ގޮތުން ތެލަށް ކުރި ހަރަދާއި އަދި އެކި ހަރަދުތައް ހަމަޖެއްސުމަށް ރިޒާވަށް ޕްރެޝަރު ވަރަށް ބޮޑުވި ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ ރިޒާވު ވަނީ 592 މިލިއަން ޑޮލަރަށް ދަށްވެފައިކަން ފާހަގަކޮށް އާޑަމް އޭޓަސް ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރިޒާވް އެންމެ ބޮޑަށް ކުޑަވި އެއް ފަހަރުކަމަށެވެ. އަދި މި އަދަދުން ހަމައެކަނި ހަމަޖައްސާލެވޭނީ 1.9 މަހުގެ އިމްޕޯޓުންކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ މާލީ އިދާރާ އިން ލަފާކުރާ ގޮތުން މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނީ 5.2 ޕަސެންޓު ކަމަށްވާއިރު މިއީ މިދިޔަ އަހަރަށް ވުރެ 1.3 ޕަސެންޓް ދަށް އަދަދެކެވެ.