ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، ތިމަރަފުށި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާއަށް ހަތަރު ލައްކަ ރުފިޔާއާއި 50،000 ޑޮލަރު ދޭން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އެގޮތަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އިއްޔެއެވެ.

އެ ދައުވާ ހުށަހެޅި އަނބުރާ ދޭ ގޮތަށް މުސްތަފާގެ އަތުން އަކްރަމް ފައިސާ ނެގުމަށްފަހު އެ ފައިސާ އަނބުރާ އަދާކުރުމުގެ ގޮތުން އަކްރަމް ދީފައިވާ ޗެކުތަކަށް ފައިސާ ލިބިފައި ނުވާކަމަށް ބުނެއެވެ.

އަނބުރާ ދޭ ގޮތަށް އަކުރަމް މުސްތަފާ އަތުން ނެގި 1،150،000 ރުފިޔާ އާއި ތިން ލައްކަ ރުފިޔާ އާއި 60،000 ރުފިޔާ ކަމަށްވާއިރު އޭގެ ޖުމްލަ އަދަދަކީ 1،710،000 ރުފިޔާއެވެ. އަދި އޭގެ އިތުރުން ޝަރީއަތަށް މައްސަލަ ހުށަހަޅަންޖެހުމާ ގުޅިގެން ހަރަދުވި އެއް ލައްކަ ރުފިޔާއާއެކު ޖުމްލަ އެއް މިލިއަން އަށް ލައްކަ ދިހަ ހާސް ރުފިޔާ އަކްރަމްގެ އަތުން އެކީ އެއް ފަހަރާ ނެގުމަށް މުސްތަފާ ވަނީ އެދިފައެވެ.

އެހެންނަމަވެސް މުސްތަފާ އަތުން ނެގީ ހަތަރު ލައްކަ ރުފިޔާއާއި 50،000 ޑޮލަރު އެކަނި ކަމަށް އަކްރަމް ވަނީ ބުނެފައެވެ. އެއަށްވުރެ އިތުރަށް ފައިސާ ދިންކަން މުސްތަފާއަށް ސާބިތުކޮށްދެވިފައި ނުވެއެވެ. އަދި އަނބުރާ ދޭ ގޮތަށް ނެގި ހަތަރު ލައްކަ ރުފިޔާ އަކްރަމް އަނބުރާ ދީފައިވާ ކަމަށް އަކްރަމް ބުނި ނަމަވެސް އެކަމުގެ މައްޗަށް އެއްވެސް ހެއްކެތް ނެތް ކަމަށާއި އެ ފައިސާ ލިބުނު ކަމަށް މުސްތަފާ ގަބޫލުނުކުރާ ހާލަތުގަިއ އެ ފައިސާ އަނބުރާ އަދާކުރި ކަމަށް ބެލެވެން ނެތް ކަމަށް އެ ހުކުމުގައި ވަނީ ބުނެފައެވެ.

އަކްރަމަށް މުސްތަފާ ދިން ފައިސާގެ މިންވަރުކަމަށް މުސްތަފާ ބުނާ މިންވަރަށް ފައިސާ ދިންކަން މުސްތަފާއަށް ސާބިތުކޮށްދެވިފައިނުވާތީއާއި އަކްރަމްގެ ކިބައިން ނަގައިދެވޭނީ މުސްތަފާގެ އަކްރަމް ނެގިކަމަށް އަކްރަމް އިއުތިރާފުވެފައިވާ ހަތަރު ލައްކަ ރުފިޔާ އާއި 50،000 ޑޮލަރު ކަމަށް ވަނީ ކަނޑައަޅާފައެވެ.

ހުކުމްކޮށްފައިވަނީ ހަތަރު ލައްކަ ރުފިޔާއާއި 50،000 ޑޮލަރު މުސްތަފާއަށް ދިނުމަށް ޖުލައި 19 ގެ ކުރިން ފައިސާ ސިވިލް ކޯޓަށް ދައްކައި އެ ދަރަނި ހަލާސްކުރުމަށެވެ.