ރަފާ އަކީ މިހާރު ހަމާސްގެ ބާރު އެންމެ ވަރުގަދަ ތަން ކަމަށް ބުނެ ރަފާ އަށް ހަމަލާ ދެމުން ދަނިކޮށް، ހަމާސްއިން ހިންގި ދެ އޮޕަރޭޝަނެއްގައި އިޒްރޭލު ސިފައިންގެ 20 މީހަކު މަރާލައިފި ކަމަށް ބުނެފިއެވެ.

އެ ޖަމާއަތާ ހަވާލާ ދީ އަލްޖަޒީރާއިން ބުނީ، ރަފާގެ ތެރޭގައި އިޒްރޭލު ސިފައިންނާ ކުރިމަތިލައި ރޮކެޓާއި ބަޑީގެ ހަމަލާތަކުގެ އިތުރުން އަސްކަރީ ވެހިކަލްތަކަށް ހަމަލާ ދީފައި ވާ ކަމަށާއި އެ ހަމަލާތަކުގައި އިޒްރޭލު ސިފައިންގެ 20 މީހެއްގެ ފުރާނަ ދުއްވާލެވިފައި ވާ ކަމަށެވެ.

މިހަމަލާ ތަކާއެކު އިޒްރޭލުން ބުނެފައި ވަނީ، އިޒްރޭލުގެ ހަމަލާތަކުގައި ހަމާސް އިން ރަހީނު ކުރި ރޮން ބިންޔާމީން ކިޔާ މީހެއްގެ ހަށިގަނޑު ފެނިފައި ވާ ކަމަށެވެ. ނަމަވެސް މި މީހާ އަކީ އޮކްޓޯބަރު 7، 2023 ގައި ހަމާސް އިން އިޒްރޭލަށް އަރާ ދިން ހަމަލާތަކުގައި މަރުވެފައި ވާ މީހެއް ކަމަށް މީގެ ކުރިން އިޒްރޭލުން ބުނެފައި ވެއެވެ.

މީގެ އިތުރުން ވެސް 3 މީހެއްގެ ހަށިގަނޑު އިއްޔެ ފެނިފައިވާ ކަމަށް ވެސް އިޒްރޭލު ސިފައިން ބުނެއެވެ.

މި މަރުތަކާ ގުޅޭ ގޮތުން އެއްޗެއް ނުބުނެ ހަމާސް އިން ބުނެފައި ވަނީ އިޒްރޭލުން އެމީހުންގެ ސިފައިން ގާޒާގެ ތެރެއަށް ފޮނުވަނީ އެމީހުންގެ ހަށިގަނޑުތައް ސަންދޯއްތަކުގައި ގެންދިޔުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެމީހުން ދޭ ހަމަލާތަކުގައި މަރުވާ އެ މީހުންގެ މީހުންގެ ހަށިގަނޑުތައް ފެންނާނެ ކަމަށެވެ. އަލް ގައްސާމް ބްރިގޭޑުން އިޝާރާތް ކުރީ އިޒްރޭލުގެ ހަމަލާތަކުގައި ހަމާސް އިން ރަހީނު ކުރި މީހުންގެ ތެރެއިން ބައެއް މީހުން މީގެ ކުރިންވެސް މަރުވެފައި ވާކަން ހާމަ ކުރުމުގެ ގޮތުންނެވެ.

އިޒްރޭލުން ރަފާ އަށް ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާ އިރު، ހިމާޔަތް ހޯދައިގެން ރަފާގައި ތިބި 1.4 މިލިއަން މީހުންގެ ތެރެއިން 800،000 މީހުން މިހާރު ރަފާ ދޫކޮށް އަލް މަވާސީ އޭ ކިޔާ ސަރަހައްދަށް ގޮސްފައި ވާ ކަމަށް އަންރުވާ އިން ބުނެއެވެ. އެއާއެކު ބައިބޯކޮށް އޮތް ރަފާގެ މަގުތައް މިހާރު ހުސްވަމުން ދާ ކަމަށާއި އިޒްރޭލުގެ ހަމަލާތައް ރަފާގެ އުތުރަށާއި، އަދި ގާޒާގެ އުތުރުގައި އޮންނަ ޖަބަލިޔާ ރެފިއުޖީ ކޭމްޕްގެ އިތުރުން މެދުތެރެއަށް އަމާޒު ކުރަމުން ދާއިރު ސަލާމަތް ހޯދަން އެތައް ބަޔަކު ވަޒަން ދޫކުރަކުން ދާކަމަށް ވެސް ބުނެފައި ވެއެވެ.

ރަފާގެ އިތުރުން ގާޒާގެ އުތުރުގައި ހަމާސް އިން ހަމަލާތައް އުފައްދަމުން ގެންދާ އިރު މީގެ ކުރިން އިޒްރޭލުން ބުނެފައި ވަނީ ގާޒާގެ އުތުރު އަމާން ވެއްޖެ ކަމަށާއި ނުރައްކަލެއް ނެތް ކަމަށެވެ. ނަމަވެސް މިވަގުތުވެސް ޖަބަލިޔާ ރެފިއުޖީ ކޭމްޕް ސަރަހައްދުގައި ހަމަލާ ބަދަލުކުރުން ކުރިއަށް ދާ ކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ.

ގާޒާގެ ހަބަރުތައް ގެނެސްދިނުމުގައި އެންމެ އަޕްޑޭޓް ޖަޒީރާއިން ބުނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުން 83 މީހަކު ޝަހީދު ވެފައި ވާ ކަމަށާއި އޭގެ ތެރެއިން އެއް ބަޔަކީ ޖަބަލިޔާ ކޭމްޕުން ޝަހީދުވި މީހުން ކަމަށެވެ.