މާލޭގެ ގެއެއްގެ ފާހާނާގައި ފެން ބޮޑުވާތީ ބޭރު ފާރުން ލޯވަޅެއް ތޮރުފާ އެ ފެން މަގުމައްޗަށް ފައިބާ ގޮތަށް ދޫކޮށްލި މައްސަލަ މާލެ ސިޓީ ކައުންސިލުން ބަލަން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ މަގުމައްޗަށް ފެންފައިބާތީ ކައުންސިލުން ޗެކުކުރިއިރު އެގޭގެ ފާހަނާ ފެންބޮޑުވެގެން ފާހަނާތެރެއިން ލޯވަޅެއް ތޮރުފާލައި ފެން ބޭރަށް ފައިބާގޮތަށް ވަނީ ހަދާފައި ކަމަށެވެ. އަދި އެހެން ރައްޔިތުންނަށް އުދަނގޫވާ ގޮތަށް މިފަދަ ކަންތައް ނުކުރުމަށްވެސް ސިޓީ ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

މިގޮތަށް ލޯވަޅެއް ތޮރުފާފައި ވަނީ ގ. ދޮންފެހި ގޭގައެވެ. މިކަމާ ގުޅިގެން ފެން ފައިބާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ހިއްސާ ކުރުމަށްފަހު މީހަކު ވަނީ މަގުގައި ދުއްވާ މީހުންނާއި މަގު ހިނގާ މީހުންގެ ގަޔަށް ނަޖިސް ފެން ބުރާ ގޮތަށް ހަދާފައި ހުރުމަކީ އެހާ އާދައިގެ ކަމެއްތޯ ސުވާލުކޮށްފައެވެ.

އަދި މިކަމާ ގުޅިގެން އެހެން މީހަކު ވަނީ މިފަދަ އަމަލުތައް ކުރުމަކީ ސިއްހީގޮތުން ބޮޑެތި ގެއްލުން ވާނެ ކަމެއް ކަމަށާއި މި އަމަލު ކުރި ބަޔަކަށް އެކަށީގެންވާ ފިޔަވަޅެއް އެޅުމަށް ގޮވާލާފައެވެ.