ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހަރަދުތައް ބޮޑުވެ، ކާޑުގެ ބާވަތްތަކާއި ކޮފީ ފަދަ ތަކެތީގެ އަގު އުފުލުމަކީ ކޮންމެ މީހަކަށް ވެސް މިއަދު އިހުސާސް ކުރެވޭނެ ތަކުލީފެކެވެ.
މިކަމުގެ ފައިދާ ނަންގަވައި، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން ވަނީ 5 ކިލޯގެ ބާސްމަތީ ހަނޑޫ ބަސްތާއެއް 110 ރުފިޔާއަށް އަދި ކޮފީ ފުޅިއެއް 260 ރުފިޔާއަށް އުފުލިފައިވާ ކަމަށް ވިދާޅުވެފައެވެ.
ރާއްޖެއިން ޑޮލަރު ހުސްވެއްޖެ ކަމަށާއި، އާމްދަނީ އިތުރުނުވެ އިންފްލޭޝަން މައްޗަށް ދާތީ ރައްޔިތުންނަށް އެކަން ތަހައްމަލު ނުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ނަމަވެސް، މި ވާހަކަތަކުގެ އަޑީގައި އޮތީ އިގުތިސާދީ ހައްލެއް ހޯދުމުގެ ނިޔަތް ކަމާމެދު ސުވާލު އުފެދެއެވެ. އޭގެ ބަދަލުގައި، އިގުތިސާދީ ދަތިކަމުގެ ނިވަލުގައި ފިއްލަވައި ހުންނަވައިގެން ނަޝީދު ރާއްވަވަނީ މަގުމަތި ހަލަބޮލިކޮށް، ސިޔާސީ ހަމަނުޖެހުމެއް އުފެއްދުމަށް ނޫންބާވައޭ ހިތަށް އަރައެވެ.
އޮގަސްޓް 12: ސިޔާސީ ހަތިޔާރަކަށް
ސިޔާސީ މަންފާއަށްޓަކައި ތާރީހީ ދުވަސްތައް ބޭނުން ކުރެއްވުމަކީ ނަޝީދަށް އާ ކަމެއް ނޫނެވެ. މީގެ ކުރިން 2014 ވަނަ އަހަރު ވެސް، 2004 ވަނަ އަހަރުގެ އޮގަސްޓް 12 އަދި 13 ގައި ހިނގައިދިޔަ ކަންކަމުގެ ހަނދާން އާކުރައްވައި، އެއީ ދިވެހިން އަނިޔާއާ ދެކޮޅަށް ތެދުވި ދުވަސް ކަމަށް ސިފަކުރެއްވިއެވެ. މޯލްޑިވްސް އިންޑިޕެންޑެންޓްގައި އޭރު ރިޕޯޓުކޮށްފައިވާ ގޮތުން، އެ ދުވަހަކީ ބޯހިޔާވަހިކަމާއި، ތައުލީމާއި، ސިއްހީ ފަރުވާ އަދި އާމްދަނީ ލިބޭނެ މަގުތަކަށް ރައްޔިތުން ގޮވާލި ދުވަސް ކަމަށް ނަޝީދު ވިދާޅުވިއެވެ. މިއަދު އަނެއްކާވެސް އެ ތާރީހު ބޭނުންކުރައްވައިގެން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި މަގުމައްޗަށް ނުކުތުމަށް ތައްޔާރުވަމުންދާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތަކުން ސެކިއުރިޓީ ނެގި ނަމަވެސް މުޒާހަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންވެސް އެރައްޔިތުންނަށް ކެތްނުކުރެވޭ ހިސާބަށް ދިއުމުން ސަރުކާރާ ދެކޮޅަށް ތެދުވާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އަޑީގައި އޮތް ހަގީގީ މަގުސަދަކީ އިގުތިސާދު ކޮޅަށްޖެހުންތޯއެވެ. ނުވަތަ ސަރުކާރު ޖަވާބުދާރީ ކުރުވައި ހަމަ މަގަށް އެޅުވުންތޯއެވެ.
ހަގީގީ މައްސަލައާއި ސިޔާސީ އުކުޅު
ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތީ ނާޒުކު ފައްތަރެއްގައިކަން ވޯލްޑް ބޭންކުން 2026 ވަނަ އަހަރު ނެރުނު ރިޕޯޓުން ވެސް އެނގެއެވެ. ދައުލަތުގެ ރިޒާވް 717.9 މިލިއަން ޑޮލަރަށް ދަށަށް ގޮސް، އިންފްލޭޝަން 6 ޕަސެންޓަށް އަރާނެ ކަމަށް އެ ރިޕޯޓުގައި ލަފާކޮށްފައި ވެއެވެ. އަދި ބޭރުގެ ދަރަނި ދެއްކުމަށް 1.7 ބިލިއަން ޑޮލަރު ބޭނުންވާނެ ކަމަށް ވެސް އޮތީ އަންދާޒާކޮށްފައެވެ. ރާއްޖެއަކީ ކާބޯތަކެއްޗާއި، ތެލާއި، ބޭހުގެ އިތުރުން އާންމުކޮށް ބޭނުންކުރާ ގިނަ ތަކެތި އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، ޑޮލަރުގެ ތާށިކަމުގެ ސަބަބުން މި ތަކެތި އެތެރެކުރުމަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވާނެކަން ވޯލްޑް ބޭންކުން ވެސް ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން، ދައުލަތުގެ ޖުމްލަ ދަރަނި 2025 ވަނަ އަހަރު ޖީޑީޕީގެ 129.7 ޕަސެންޓަށް އަރާފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ. މިއީ ސަރުކާރުން ވެސް އަދި ރައްޔިތުން ވެސް ގަބޫލުކުރާ ހަގީގަތެކެވެ.
ނަމަވެސް، ރާއްޖެއިން ޑޮލަރު ހުސްވެއްޖެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ނަޝީދު މަސައްކަތް ކުރެއްވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެކެވެ. ޑޮލަރުގެ މައްސަލައާއި ތަކެތީގެ އަގުބޮޑުވުމަކީ މަގުމައްޗަށް ނުކުމެ، އަޑުގަދަކުރުމުން ހައްލުވާނެ ކަންކަމެއް ނޫނެވެ. އިގުތިސާދީ މައްސަލަތަކަށް ބޭނުންވަނީ ހަރުދަނާ ސިޔާސަތުތަކާއި، ދައުލަތުގެ ހަރަދުތައް ކުޑަކުރުމާއި، އުފެއްދުންތެރިކަން އިތުރުކުރުމެވެ. އެމްޑީޕީން މަގުމައްޗަށް ނުކުމެ ހަމަނުޖެހުން އުފެއްދުމުން، ފަތުރުވެރިކަމުގެ ސިނާއަތަށް ލޮޅުން އަރައި، ބޭރު ފައިސާ ލިބޭ މިންވަރު އިތުރަށް ދަށްވުން ނޫން ކަމެއް ނުވާނެއެވެ. ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާނެ ކަމަށް ވިދާޅުވެ، މީހުން މަގުމައްޗަށް ނެރުމަށް ނަޝީދު ހިތްވަރު ދެއްވަނީ، ގައުމުގެ އިގުތިސާދު ކޮޅަށްޖެހުމަށް ވުރެ ބޮޑަށް، ސަރުކާރު ބަލިކަށިކޮށްލުމުގެ ބޭނުމުގައި ކަމަށް ގަބޫލު ކުރަން ޖެހެއެވެ.
ތާރީހު ހެކިދޭ ގޮތުގައި، ސިޔާސީ ބޭނުމަށްޓަކައި މަގުމަތި ހަލަބޮލިކުރުމުން އޭގެ އެންމެ ހިތްދަތި ނަތީޖާއާ ކުރިމަތިލާން ޖެހެނީ ހަމަ ނިކަމެތި ރައްޔިތުންނަށެވެ. އޮގަސްޓް 12 ގެ ނަމުގައި ނުވަތަ ތަކެތީގެ އަގުބޮޑުވުމުގެ ނަމުގައި ނަމަވެސް، އެމްޑީޕީން މި ފަށާ ހަރަކާތަކީ ގައުމުގެ މަސްލަހަތަށް ވުރެ އަމިއްލަ ސިޔާސީ އެޖެންޑާ ކުރިއަށް ނެރުމަށް ރާވާފައިވާ ރޭވުމެކެވެ.
އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަނެވޭނީ ގައުމުގައި ހަމަޖެހުން އޮވެގެންނެވެ. ސިޔާސީ ލީޑަރުންގެ އަމިއްލަ މަންފާއަށްޓަކައި ގައުމު ހަލަބޮލިކުރުމުގެ ފުރުސަތު ދީގެން ނުކުންނާނެ ހެވެއް ނެތެވެ.
މިއީ ސިޔާސީ ކުޅިގަނޑުގެ ޝިކާރައަކަށް ނުވެ، ހޭލުންތެރިކަމާއެކު ރައްޔިތުން ގޮތް ނިންމަންވީ ވަގުތެވެ.
