ފުވައްމުލަކު ސިޓީގެ 'ބަންޑާރަ ކިޅި'އަށް ދެ ބާވަތެއްގެ ގަހެއްގެ ސަބަބުން ގެއްލުން ލިބެމުން ދާތީ އެ ތަކެތި ނެގުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނެފިއެވެ،
ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލްގެ އިސްނެގުމާއެކު ފުވައްމުލައް ސިޓީގެ މުވައްސަސާތަކާ ގުޅިގެން ފެންކުރީގެ ބާވަތެއް ކަމުގައިވާ 'ކެނޭޑިއަން ވޯޓާ ވީޑްސް' އަދި 'ލޮޓަސް' ގަސްތައް ބަންޑާރަ ކިޅިން ނަގާ ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
އެގަސްތަކުގެ ސަބަބުން ބަންޑާރަ ކިޅީގެ އަސްލު ގެއްލެމުންދާކަން ފާހަގަކޮށް ފުވައްމުލައް ސިޓީ ކައުންސިލުން ބުނީ ކިޅިން ނަގަމުންދާ ދެ ބާވަތުގެ ގަހަކީވެސް މީގެ ދެތިން ހަތަރު އަހަރާ ހަމައަށްވެސް އެތަނުން އެއްވެސް ވަރަކަށް ފެނިފައިވާ ގަސްތަކެއް ނޫންކަމަށެވެ. އަދި އެކިޅީގެ އުފެދުމުގައި އަދި އެ ކިޅީގެ ދިރުންތަކުގެ ތެރޭގައި ނުހިމެނޭ މިގަސްތައް އެތަނުގައި އާލާވެ ފެތުރުމުގެ ސަބަބުން ބަންޑާރަ ކިޅީގެ ގުދުރަތީ ދިރުންތަކަށް ނޭދެވޭ އަސަރުތައް ކުރަމުން އަންނަ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އެގޮތުން މަސްމަހާމެހީގެ އާބާދީ ދަށްވުމާއި ކިޅީގައި ހިމެނޭ ޖުމްލަ ފެނުގެ އިންސައްތަ ދަށަށް ދިއުމަކީ ކުރިމަތިވަމުން އަންނަ އަދި އޭގެ ނޭދެވޭ އަސަރު ކުރަމުން އަންނަކަމެއް ކަމުގައި ކައުންސިލުންވަނީ ފާހަގަކޮށްފައެެވެ.
ފުވައްމުލަކުގެ ދެކުނުކޮޅުން މިސްކިތްމަގު އަވަށާއި ދޫޑިގަން އަވަށާއި މާލެގަން އަވަށުގެ މެދުގައި ވާ ބަންޑާރަ ކިޅި އަދި ކިޅިއާއި ގުޅިފައިވާ ޗަސްބިމުގެ ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޙާއްސަ ސިފަތަކެއް ލިބިގެންވާ ސަރަހައްދެކެވެ. އަދި ބަންޑާރަކިޅި ހިމެނިފައިވަނީ ރާއްޖޭގައިވާ މީރުފެނުގެ އެންމެބޮޑު ރިޒާވް ކަމުގައެވެ.