އުސް އިމާރާތްތަކުގައި ހުންނަ ތަކެތި ވަޔާ ނުދާނެހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ފުލުހުން ވަނީ ވިއްސާރަވެ ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގެ ބައެއް ސަރަހައްދު ތަކުގައި ހުރި ގަސްތައް ވެރި އަދި އިމާރާތް ކުރަމުންދާ ބައެއް ތަންތަނުގައި ޖަހާފައިހުރި ފެންސްތައް ވަޔާ ވެއްޓެމުންދާތީ ރައްކާތެރި ވުމަށް އަންގާފައެވެ.
މީހުން ދިރިއުޅޭ އުސް އިމާރާތްތަކުގެ މަތިން ވެސް ވަޔާ އެއްޗިހި ނުދާނޭހެން ރަނގަޅަށް ހަރުކޮށްފައި ބެހެއްޓުމަށާއި ކުޑަދޮރުތައް ވެސް ރަނގަޅަށް ލައްޕާފައި ބެހެއްޓުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ފުލުހުން އިތުރަށް ވަނީ ކަނޑުދަތުރު ކުރެއްވުމުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް އިލްތިމާސް ކޮށްފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށް މިރޭ 8 އިން މެންދަމު 12 ޖެހުމާ ހަމައަަށް ޔެލޯ އެލާޓް ނެރެފައިވާއިރު އެ ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ އެވަގުތުގައި ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
ޔެލޯ އެލާޓް އެ ސަރަހައްދުތަކަށް ނެރެފައިވާއިރު މެޓް އޮފީހުން ވަނީ މިރޭ 6:15 އިން މެންދަމު 12 ޖެހުމާ ހަމައަށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައެވެ. މެޓް އޮފީހުން ބުނެފައިވަނީ މުޅި ރާއްޖެއަށް އެލާޓް ނެރެފައިވަނީ ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މާލެ ސަރަހައްދު ހިމެނޭ ގޮތަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދު ވަނީ ގަދަ ވަޔާއެކު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ޓަވަރެެއްގައި ޖަހާފައި ހުރި ފެންސްތަކެއް ވަޔާ ވެއްޓިފައެވެ.