ގަދަ ވަޔާއެކު ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ޓަވަރެެއްގައި ޖަހާފައި ހުރި ފެންސްތަކެއް ވަޔާދާތީ ފުލުހުން ހަރަކާތްތެރި ވާން ފަށައިފިއެވެ.

ފުލުހުން ބުނީ ފެންސްތައް ވަޔާ ގޮސްފައިވަނީ ހުޅުމާލެ ފޭސް 1 ގައި އިމާރާތް ކުރަމުންދާ އެޕޯލޯ ޓަވަރުގައި ޖަހާފައި ހުރި ފެންސްތަކެއް ކަމަށެވެ. އަދި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން މިހާރު އެ މަގު ބަންދުކޮށްފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ދައުރުވަމުންދާއިރު ބިޔަ ފެންސެއް މަގު މައްޗަށް ވެއްޓޭ މަންޒަރު ފެނެއެވެ. އަދި އެވަގުތު މަގުމަތީ ބައެއް ވެހިކަލްތައް ދަތުރުކުރަމުންދާ މަންޒަރުވެސް ފެނެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ މޫސުން ގޯސްވެ ވައިގަދަވުމުގެ ސަބަބުން އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، މަސައްކަތުގެ ސައިޓްގައި ހަރުކޮށްފައިވާ ނުވަތަ ބޭނުންކުރާ ތަކެތި ވަޔާ ވިއްސައިގެން ގޮސް ހިތާމަވެރި ހާދިސާއެއް ހިނގިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ އެންމެހައި ސަލާމަތީ ފިޔަވަޅުތައް އަޅާ، ސަލާމަތީ މިންގަނޑުތައް ކަށަވަރުކުރުމަށް ކޮންސްޓަރަކްޝަން މިނިސްޓްރީއިންވެސް އިލްތިމާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގުގެ ވިއްސާރައިގައި ކުރިއަށް ދުވަސްތަކުގައި މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މެޓް އޮފީހުންވެސް ވަނީ ލަފާކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް ބާރަ ގަޑިއިރަށް ނެރުނު ސަމާލުގައި މޫސުން ގޯސްވާނެ ކަަމަށް ލަފާކޮށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައެވެ.

މެޓްއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރިފައިވަނީ މިރޭ 18:15 އިން ފެށިގެން މިރޭގެ ދަންވަރު 00:00 އަށެވެ. ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމީ ކަމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.