ދެކުނު އޭޝިއާ ކޮލިފިކޭޝަންސްގެ ސިންގަލްސް ޗެމްޕިއަންކަން ހޯދައި ޓީޓީގެ ތަރި ފާތިމަތު ދީމާ އަލީ، އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އެނބުރި ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއީ ދިވެހި ތާރީހުގައި ވެސް ދިވެއްސަކު އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އޮލިމްޕިކްސް އަށް ދީމާ ކޮލިފައި ވެފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

ނޭޕާލުގައި ކުރިއަށް ދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ދީމާ ހޯދާފައިވަނީ ކޮލިފިކޭޝަނުގެ ފައިނަލުގައި ސްރީ ލަންކާގެ ބަންޑާރާ ބިމަންދީ އާ ދެކޮޅަށް ކުޅެގެންނެވެ. މި މެޗު ދީމާ ކާމިޔާބުކުރީ 1-4 ސެޓުންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓު ދީމާ ކާމިޔާބުކުރީ 11-8 އިންނެވެ. އެކަމަކު ދެ ވަނަ ސެޓުގައި ދީމާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނުއިރު މި ސެޓު ލަންކާގެ ބަންދަރާ ވަނީ 11-7 އިން ކާމިޔާބު ކޮށްފަ އެވެ.

ހަތަރުވަނަ ސެޓުގައިވެސް ދީމާގެ ފަރާތުން މޮޅު ކުޅުމެއްފެނިގެން ދިޔައެވެ. އިތުބާރާއިއެކު ކުޅެމުންދިޔަ ދީމާ މި ސެޓު ކާމިބު ކޮށްފައިވަނީ 11-7 ގެ ނަތީޖާ އަކުންނެވެ. އަދި ފަސްވަނަ ސެޓުގައިވެސް ދީމާ ވަނީ ލަންކާގެ ބަންދަރާ އަށް ދުލެއް ނުދީ 11-5 އިން ކާމިޔާބުކޮށް މެޗު ކާމިޔާބުކޮށްފައެވެ.

މި ފަހުރުވެރި ކާމިޔާބީއަށްފަހު ދީމާ މިއަދު ރާއްޖެ އައުމުން ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕި)ގެ އިތުރުން ޓީޓީ އެސޯސިއޭޝަންގެ އިސް ފަރާތްތައްވެސް ވަނީ އޭނާއަށް މަރުހަބާ ކިޔައިފައެވެ.

މީގެ އިތުރުންވެސް ކާމިޔާބީ ފާހަގަ ކުރުމަށް މިއަދު ސޯޝަލް ސެންޓަރުގައި ހާއްސަ އިވެންޓެއް ބާއްވާފައިވާ އިރު، އެ އިވެންޓުގައި ކުޅިވަރު އާއިލާގެ އެހެން ބައެއް އެތުލީޓުންނާއި ދީމާއަށް ސަޕޯޓް ކުރާ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. މިއަދުގެ އިވެންޓުގައި ވާހަކަދައްކަވަމުން ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ ދީމާގެ ކާމިޔާބީއަކީ އެތައް އަހަރުތަކެއްގެ މަސައްކަތް ކަމަށާއި، ދީމާއަށް ފޯކަސްކޮށް މިނިސްޓްރީ އާއި އެމްއޯސީ އަދި އެސޯސިއޭޝަނުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށެވެ.

މީގެ ކުރިންވެސް ދީމާ ވަނީ އުމުރުން އެންމެ 11 އަހަރުގައި 2019 ވަނަ އަހަރުގެ އައިއޯއައިޖީގައި ރާއްޖެއަށް ރަން މެޑަލް ހޯދާދީފައެވެ. އެފަހަރު އައިއޯއައިޖީގައި ދީމާ ވަނީ ޓީޓީގެ މިކްސް ޑަބަލްސް ފިޔަވައި، އެހެން ހުރިހާ އިވެންޓެއްގެ ރަން މެޑަލް ހޯދައިފައެވެ. އެފަހަރު އައިއޯއައިޖީގައި ދީމާ ވަނީ ޓީޓީގެ މިކްސް ޑަބަލްސް ފިޔަވައި، އެހެން ހުރިހާ އިވެންޓެއްގެ ރަން މެޑަލް ހޯދައިފައެވެ.