ދެކުނު އޭޝިއާ ކޮލިފިކޭޝަންސްގެ ސިންގަލްސް ޗެމްޕިއަންކަން ހޯދި ޓީޓީގެ ތަރި ފާތިމަތު ދީމާ އަލީ، އޮލިމްޕިކްސް އަށް ކޮލިފައިވުމުން އޭނާގެ ކާމިޔާބީއަށް ރާއްޖޭގައި ހުންނަވާ ސައޫދީ އަރަބިއާގެ ސަފީރު މަތުރަކް އަބްދުﷲ އަލްއަޖާލީން، މަރުހަބާ ވިދާޅުވެއްޖެއެވެ.

ސައޫދީ އެމްބަސީގައި މިއަދު ކުރިއަށްގެންދިޔަ ހާއްސަ ބައްދަލުވުމުގައި ސަފީރު ވަނީ ރާއްޖޭގެ ޓީޓީ ކުރިއެރުވުމަށް، ސައުދީ އެމްބަސީން ދެވެން ހުރި އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ކިޔެވުން ހިމެނޭ ގޮތަށް ކުޅިވަރުގެ ދާއިރާއިން ސައޫދީގައި ވެސް ސްކޮލާޝިޕްގެ ފުރުސަތުތައް ހުރިކަން ފާހަގަ ކުރައްވާ އެ ފުރުސަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަގީންކަން ސަފީރު ވަނީ ދެއްވާފައެވެ.

އެ ގައުމުގެ އެހީގައި ފުވައްމުލަކާއި އައްޑޫގައި ވެސް ސްކޫލް ކުދިންގެ ޓީޓީ ޑިވެލޮޕްމެންޓް ޕްރޮރާމްތަކެއް މިހާރުވެސް ކުރިއަށްގެންދެއެވެ. މި ބައްދަލުވުމުގައި ދީމާގެ އިތުރުން ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދާއި ދީމާގެ މަންމަ އާއިޝަތު ވަހީދާ ވަނީ ބައިވެރިވެފައެވެ.

ދީމާގެ ކާމިޔާބީ އަގުވަޒަން ކުރުމަށް ސައުދީ އެމްބަސީގައި މިއަދު ކުރިއަށްދިޔަ ބައްދަލުވުން / ފޮޓޯ: ސައުދީ އެމްބަސީ

އޮލިމްޕިކްސް އަށް ދީމާ ކޮލިފައި ވެފައިވަނީ ދެކުނު އޭޝިއާ ސަރަހައްދުގެ ކޮލިފައިން ބުރުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. ނޭޕާލުގައި މިދިޔަ މަހު ކުރިއަށް ދިޔަ މި މުބާރާތުގެ ފައިނަލުގައި ދީމާ ބައްދަލުކުރީ ސްރީ ލަންކާގެ ބަންޑާރާ ބިމަންދީ އާ ދެކޮޅަށެވެ.

މި މެޗު ދީމާ ކާމިޔާބުކުރީ 1-4 ސެޓުންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓު ދީމާ ކާމިޔާބުކުރީ 11-8 އިންނެވެ. އެކަމަކު ދެ ވަނަ ސެޓުގައި ދީމާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނުނުއިރު މި ސެޓު ލަންކާގެ ބަންދަރާ ވަނީ 11-7 އިން ކާމިޔާބު ކޮށްފަ އެވެ. ހަތަރުވަނަ ސެޓުގައިވެސް ދީމާގެ ފަރާތުން މޮޅު ކުޅުމެއްފެނިގެން ދިޔައެވެ. އިތުބާރާއިއެކު ކުޅެމުންދިޔަ ދީމާ މި ސެޓު ކާމިބު ކޮށްފައިވަނީ 11-7 ގެ ނަތީޖާ އަކުންނެވެ. އަދި ފަސްވަނަ ސެޓުގައިވެސް ދީމާ ވަނީ ލަންކާގެ ބަންދަރާ އަށް ދުލެއް ނުދީ 11-5 އިން ކާމިޔާބުކޮށް މެޗު ކާމިޔާބުކޮށްފައެވެ.

މިއީ ދިވެހި ތާރީހުގައި ވެސް ދިވެއްސަކު އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އޮލިމްޕިކްސް ގޭމްސް އޮންނާނީ އަންނަ މަހުގެ 26 އިން އޮގަސްޓް 8 ވަނަ ދުވަހު ޕެރިހުގައެވެ. ދީމާއާއެކު އޮލިމްޕިކްސްގައި ރާއްޖޭން ތިން އެތުލީޓަކު ބައިވެރިވާނެއެވެ. އެއީ ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާ އަބްދުރައްޒާގައި އެތުލެޓިކްސްއިން އީބާދުﷲ އާދަމެވެ.

މީގެ ކުރިންވެސް ދީމާ ވަނީ އުމުރުން އެންމެ 11 އަހަރުގައި 2019 ވަނަ އަހަރުގެ އައިއޯއައިޖީގައި ރާއްޖެއަށް ރަން މެޑަލް ހޯދާދީފައެވެ. އެފަހަރު އައިއޯއައިޖީގައި ދީމާ ވަނީ ޓީޓީގެ މިކްސް ޑަބަލްސް ފިޔަވައި، އެހެން ހުރިހާ އިވެންޓެއްގެ ރަން މެޑަލް ހޯދައިފައެވެ.