އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓު ފާތިމަތު ދީމާ އަލީ އާއި އޭނާގެ އާއިލާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޖުލައި 26 ން އޮގަސްޓް 11 އަށް ފްރާންސްގެ ޕެރިހުގައި އޮންނަ ބައިނަލްއަގްވާމީ އޮލިމްޕިކްސްގައި ވާދަކުރުމުގެ ފަހުރު ހޯދި ދީމާގެ އާއިލާއަށް ފޯނުން ގުޅުއްވައި ރައީސް ވިދާޅުވީ މިއީ އޮލިމްޕިކް ކޮލިފައިންގެ ފައިނަލް މެޗެއް ކާމިޔާބުކޮށްގެން އޮލިމްޕިކްސްގައި ވާދަކުރުމުގެ ޝަރަފްވެރި ޖާގައެއް ދިވެހި ކުޅިވަރު ކުޅުންތެރިއަކު ހާސިލްކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާ އެކަމަށްޓަކައި ވަރަށް އުފާކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ މޮޅު ޓޭބަލްޓެނިސް ކުޅުންތެރީންނާ ވާދަކޮށް ދިވެހިރާއްޖޭގެ ޒުވާން އަންހެން އެތުލީޓަކު މި ހޯދި ބޮޑު ކާމިޔާބީއަށް މުޅިރާއްޖެ ފަހުރުވެރިކަމުގައި ރައީސް ވިދާޅުވިއެވެ.
ކުޅިވަރުގެ ރޮނގުގައި ވަރަށް ޅަ އުމުރުގައި ދީމާ ހޯދަމުންދާ ހަލުވި ކާމިޔާބީތަކާ ކުޅިވަރުގެ ހުނަރު އިތުރަށް އުނގެނި ކުރިއެރުމަށް ކުރަމުންދާ ހިތްވަރަކީ ނަމޫނާއެއްކަމުގައި ފާހަގަކުރައްވަމުން ރައީސް ވަނީ ވަރުގަދަ އަޒުމަކާއެކު ހުއްޓުމެއްނެތި ކުރިއަށްދިއުމަށް އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ރައީސް ވަނީ އޮލިމްޕިކްސްގައި ވާދަކޮށް ރަނގަޅު ކާމިޔާބީއަކާ ހަމަޔަށް ދިއުމަށް ދީމާއަށް މި ލިބުނު ފުރުސަތުގައި ދިވެހި ސަރުކާރުން ދެއްވެން އޮތް ހުރިހާ އެހީތެރިކަމަކާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މިއީ ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި މުޅި ދިވެހިރާއްޖެއަށް ލިބުނު ވަރަށް ބޮޑު އުފަލަކާ ކުރިއެރުމެއްކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ކޮލިފިކޭޝަނުގައި އިންޑިއާ ފިޔަވައި، ސަރަހައްދުގެ ހުރިހާ ގައުމަކުން ބައިވެރިވިއެވެ. މި ކޮލިފިކޭޝަނުގައި ރާއްޖޭގެ ހަތަރު ކުޅުންތެރިން ބައިވެރިވި އެވެ. އެއީ ދީމާގެ އިތުރުން މިޝްކާ މުހައްމަދު އިބްރާހީމް، މޫސާ މުންސިފް އަހުމަދު އަދި އަހްޔާރް އަހުމަދު ހާލިދުއެވެ.