ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގްލްސްގެ ޗެމްޕިއަންކަން ޖެހިޖެހިގެން 5 ވަނަ ފަހަރަށް ފާތިމަތު ދީމާ އަލީ ހޯދައިފިއެވެ.

62 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ މެޗުތައް އިއްޔެ ނިންމާލާފައިވާއިރު، ދީމާ ވަނީ ޑޮމެސްޓިކް މުބާރާތްތަކުގައި އޭނާއާ ވާދަވެރި އާއިޝަތު ރަފާ ނާޒިމުގެ މައްޗަށް ހަތަރު ސެޓުން ކުރި ހޯދާފައެވެ. މި މެޗުގެ ސެޓުތައް ދީމާ ކާމިޔާބު ކުރީ 11-8، 12-10، 11-3 އަދި 11-8 އިންނެވެ.

މީގެއިތުރުން ދީމާ ވަނީ މި މުބާރާތުގެ ސިންގްލްސްގެ ފައިނަލަށް ދިއުމުގެ ކުރިން ތިން ތަށި ހޯދާފައެވެ. އެއީ:

  • 19 އަހަރުންދަށުގެ ސިންގަލްސް ޗެމްޕިއަން
  • 19 އަހަރުން ދަށުގެ މިކްސްޑް ޑަބަލްސް ޗެމްޕިއަން
  • އޯޕަން ޑަބަލްސް ޗެމްޕިއަން

ގައުމީ މުބާރާތަށް ފަހު، ދީމާ އަށް ދެން މި އަހަރު އޮތް މުބާރާތްތަކަކީ، ތައިލެންޑާއި ވިއެޓްނާމްގައި އޮތް ޑަބްލިއުޓީޓީ މުބާރާތްތަކެވެ.

ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ދީމާ ކާމިޔާބު ކޮށްފައިވާއިރު، ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފައިވަނީ ގައުމީ ތަށި 11 ފަހަރު ހޯދާފައިވާ މޫސާ މުންސިފް އަހުމަދު ބަލިކޮށް އަހުޔާރު އަހްމަދު ހާލިދު އެވެ.

މި މެޗުގެ ފުރަތަމަ ތިން ސެޓު އަހުޔާރު ކާމިޔާބުކޮށްފައިވަނީ 12-10، 11-1 އަދި 11-08 ގެ ނަތީޖާއަކުންނެވެ. ނަމަވެސް މުންސިފް ވަނީ ޖެހިގެން އައި ތިން ސެޓު 8-11، 5-11 އަދި 6-11 އިން ކާމިޔާބުކޮށްފައެވެ. އެއާއެކު ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓު 11-7 އިން ކާމިޔާބު ކޮށްފައިވަނީ އަހުޔާރު އެވެ.