ބ.ކަމަދޫ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ބްރާންޗުން ކަރަންޓް ބިލް ތައްޔާރުކޮށް އެރަށުގެ ގޭގެއަށާއި ވިޔަފާރިތަކަށް ފޮނުވާފައި ވާއިރު، ބިލުތަކުގެ ޖުމްލަ އަދަދަށް ބަދަލު ގެނެސް ފައިސާ ނަގާފައިވާ މައްސަލަ ކޮމިޝަނުން ތަހުގީގުކޮށް އެ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާ ކޮށްދިނުމަށް އެދި (ޕީޖީ) އަށް ހުށަހަޅައިފިއެވެ.
އޭސީސީއިން އެ މައްސަލަ ޕީޖީއަށް ހުށަހަޅާފައިވަނީ މިއަދުއެވެ. އެ ކަމުގެ މައުލޫމާތު ހިއްސާ ކުރަމުން އޭސީސީން ބުނީ މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ބ.ކަމަދޫ ބްރާންޗުގެ ކުރީގެ އެޑްމިނިސްޓްރޭޓިވް އޮފިސަރު، އާއިޝަތު ސަމިއްޔާ (މިނާ، ބ.ކަމަދޫ) ގެ މައްޗަށް ކަމަށެވެ.
ސަމިއްޔާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ، ގާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ހައިސިއްޔަތުން އެފަރާތުގެ ވާޖިބު އަދާކުރުމުގައި، އެފަރާތަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން އަމިއްލައަށް ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާގެ އިތުރުން، ގާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނު) ގެ 13 ވަނަ މައްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.
އޭސީސީ އިން ބުނީ 2017 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރުގެ ނިޔަލަށް ސަމިއްޔާ ފެނަކަ ކޯޕަރޭޝަނުގެ ބ.ކަމަދޫ ބްރާންޗުގެ ކަރަންޓް ބިލުތަކުން ޖުމްލަ 375،405.52ރ ނަގާ އެފައިސާ ބޭނުން ކޮށްފައިވާ ކަމަށެވެ.
އެފައިސާ އަނބުރާ ހޯދުމަށް ފެނަކަ ކޯޕަރޭޝަނަށް އެންގުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި މި އަމަލުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް އެފައިސާ އަނބުރާ ހޯދައިދިނުމަށް އެކޯޕަރޭޝަނަށް އެންގުމަށްވެސް އޭސީސީއިން ވަނީ ނިންމާފައެވެ.