ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ޕާކްކޮށްފައި އޮތް އުޅަނދެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ފާހަގަވެފައި ނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އެ ބިދޭސީ މީހާގެ ހަށިގަނޑާ މެދު އަމަލުކުރާނެ ގޮތަކާ މެދު މިހާރު އެމީހާގެ އާއިލާއާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސަހަރާ ކުރިމަތީ މަގުގައި ޕާކްކޮށްފައި އޮތް އުޅަނދެއްގެ ތެރެއިން ހަބަރު ހުސްވެފައި އޮތް މީހާ އިއްޔެ ފެނިގެން އެމީހާ ވަނީ ހުޅުމާޅެ ހޮސްޕިޓާލަށް ގެންގޮސްފައެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެމީހާ ވަނީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

އެމީހާގެ މަރުގައި ޝައްކު ކުރެވޭ ކަމެއް ނެތް ކަމަށް ފުލުހުން ބުނެފައި ވާ އިރު، އެ ބިދޭސީ މީހާ އަކީ ބަންގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ. އަދި އެމީހާ ފެނިފައި ވަނީ ސީ ބޯޑު ޖެހި ޕްރައިވެޓް ކެހިކަލެއްގެ ތެރެއިންނެވެ.