މިދިޔަ ހޯމަ ދުވަހު މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށް ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށް، ފުލުހުން ބުނެފިއެވެ.

ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ގައުމީ ޔުނިވާސިޓީގެ މައި ކެމްޕަހުގެ ކުރިމަތީގައި ހުންނަ ބަނޑޭރިކޮށީގެ އެޕާޓްމަންޓުތަކުގެ ތެރެއިން ތަނެއް ބަލައި ފާސްކުރުމުން، އުމުރުން 30 އަހަރުގެ ދިވެއްސަކު މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.

ބައެއް މަސްދަރުތަކުގައިވާ ގޮތުން، މަރުވެފައި އޮއްވާ ފެނުނީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، 25 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވާ ގދ. ހޯނޑެއްދޫ، ހައްމާދު ސައީދެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގެ ފަހު ދުވަސްކޮޅު އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ހައްމާދަށް މައާފު ދެއްވައި ދޫކޮށްލާފައެވެ.

މަރުވެފައި އޮއްވާ އޭނާ ފެނުނު ދުވަހު ފުލުހުން ވަނީ، އެ މައްސަލަ އިތުރަށް ތަހްގީގު ކުރުމަށްޓަކައި މަރުވި މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ނިންމިކަން ހާމަކޮށްފައެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ، ބަނޑޭރިކޮށީގައި މަރުވެފައިވާ ޒުވާނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ފޮނުވާލުމަށް ކުރަން ޖެހޭ މަސައްކަތްކުރަމުންދާ ކަމަށެވެ. ނަމަވެސް ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވާލާނެ ގައުމާއި ފޮނުވާލާނެ ވަގުތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނީ، އިތުރު މައުލޫމާތު ލިބެމުންދާ ވަރަަކަށް ހިއްސާ ކުރާނެ ކަމަށާއި، މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އަދި އިއްޔެ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ސަހަރާ ކުރިމަތީގައި ޕާކުކޮށްފައި އޮތް އުޅަނދެއްގެ ތެރެއިން މަރުވެފައި އޮތް ބިދޭސީއެއް ވެސް ވަނީ ފެނިފައެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ މީހާ މަރުވެފައިވާ ކަމަށް، ހުޅުމާލެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އިއްޔެ ބުންޏެވެ. އެކަމަކު އިތުރު ތަފްސީލެއް ނުދިނެވެ.