މެއި މަހުގެ 14 ވަނަ ދުވަހު މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި 5 މީހުން ހައްޔަރުކޮށްފިއެވެ.
މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގުނު މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 27 އަހަރާއި 45 އަހަރާ ދެމެދުގެ 5 ފިރިހެނުން ކަމަށެވެ. ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކޮށް އެ މީހުންތިބި އެޕާޓްމަންޓު ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 29 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
މި މައްސަލަ އާއި ގުޅިގެން މި މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ. ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.
މީގެއިތުރުން ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ހެޑް އަހްމަދު ނާފިޒް ވިދާޅުވީ މި އަހަރުގެ މެއި 12 ގެ ނިޔަލަށް 104.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލެވިފައި ވާ ކަމަށެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނާފިޒް ވިދާޅުވީ މެއި 12 ގެ ނިޔަލަށް 19،220 ގްރާމް (19.22ކިލޯ) ގެ މަސްތުވާތަކެތި އަތުލައިގެންފައި ވާ ކަމަށާއި އެތަކެތީގެ މަގުމަތީގެ އަގު 104،550،509 ރުފިޔާއަށް އަރާ ކަމަށެވެ.
ކޯޓު އަމުރުގެ ދަށުން މަސްތުވާތަކެތީގެ 12 އޮޕަރޭޝަނެއް މިދިޔަ މަހުގައި ހިންގާފައި ވާކަން ފާހަގަ ކުރައްވާ ނާފިޒް ވިދާޅުވީ މި އަަހަރު 56 އޮޕަރޭޝަނެއް ހިންގާފައިވާނެ ކަމަށެވެ. އަދި ޖުމްލަ 13 ވެހިކަލްއެއް ބަލާ ފާސްކޮށްފައި ވާނެ ކަމަށާއި 5 ޑްރަގް ކާޓެލް ބަންދުކޮށްފައި ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނާފިޒް ވިދާޅުވީ އެ ދުވަހުގެ ނިޔަލަށް މަސްތުގެ ހާލަތުގައި ހުއްޓައި މިއަހަރު 61 ދިވެހިން ހައްޔަރު ކުރެވުނު ކަމަށެވެ. އަދި 55 ބިދޭސީން ހައްޔަރު ކޮށްފައި ވާއިރު، މި މުއާމަލާތްތަކުގެ ތެރެއިން 54 ބިދޭސީން އިމިގްރޭޝަންއާ ހަވާލުކޮށްފައި ވާނެ ކަމަށެވެ.