ގއ. ވިލިނގިލީގައި ފުލުހެއްގެ ވަޒީފާ އަދާކުރާ ޒުވާނަކު ބުޅަލަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ، ގއ. ވިލިނގިލީގައި ބުޅަލަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ޓިކްޓޮކް އެކައުންޓެއްގައި އާންމުކޮށްފައިވާ މައްސަލަ އެ ރަށުގެ ޕޮލިސް ސްޓޭޝަން އިން ބަލަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ މި ވީޑިއޯއިން ފެންނަނީ ބުޅަލެއްގެ ނިގުލުގައި ހިފައިގެން ހިނގާފައި އަންނަ މަންޒަރެވެ. އެއަށް ފަހު އަތު ކޮޅަށް އެ ބުޅާ މައްޗަށް ހޫރާލާ މަންޒަރު ފެނެއެވެ. އެ ބުޅާ އެއްލާޅި ބާރު މިނުގައި ވައިގެތެރޭ އެންބުރެމުން ގޮސް ވެއްޓެނީ ގެއެއްގެ ފުރާޅު މައްޗަށެވެ.
މި ޓިކްޓޮކް ހިއްސާކޮށް މި މައްސަލަ އެކްސްގައި ޕޯސްތްކޮށްފައިވާ އާންމުންގެ މީހަކު ބުނީ، މިއީ އެ ރަށުގައި ކުޅެފައިވާ ވީޑިއޯއެއް ކަމަށާއި ވީޑިއޯއިން ފެންނަ މީހާ އަކީ ފުލުހެއް ކަމަށެެވެ. އަދި ގިނަ ބަޔަކު ވަނީ އެ ވީޑިއޯއަށް ނުރުހުން ފާޅުކޮށް ކޮމެންޓް ވެސް ކޮށްފައެވެ.
ބުޅަލަށް އަނިޔާކުރުމަކީ މި މުޖުތަމައުގައި ބައެއް ފަރާތްތަކުން ކުރާ ކަމެކެވެ. މިފަދަ މައްސަލަތައް ބަޔަކު ރިޕޯޓް ކުރި ނަމަވެސް މި ފަދަ މައްސަލަތަކުގައި ކުށްކުރާ މީހާއަށް އަދަބު ނުލިބޭ ކަމަކީ މި ފަދަ ކުށްތައް ގިނަވާން މެދުވެރިވާ ސަބަބު ކަމަށް ގިނަ ބަޔަކު ބުނެއެވެ.