ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުން ސިޒޭރިއަން ހެދުމަށް ފަހު، އަންހެނަކާއި ތުއްތު ދަރިފުޅު ނިޔާވި މައްސަލައިގައި އެއްވެސް ބައެއްގެ އިހުމާލެއްވޭތޯ ބަލަން ފުލުހުން ޖިނާއީ ތަހުގީގެއް ފަށައިފިއެވެ.
އުމުރުން 35 އަހަރުގެ ޝިއުނާ ތައުފީގް، ބަނޑަށް 8 މަހުގައި ރޯގާ ޖެހިގެން ނޭވާ ލާން އުނދަގޫވެ އެ ހޮސްޕިޓަލަށް ދިޔައީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އޭނާގެ ހާލު ގޯސްވެ ވެންޓިލޭޓަރަށް ލުމަށްފަހު ސިޒޭރިއަން ހެދުމަށްފަހު ކުއްޖާ ނަގާފައެވެ. އެއަށް ފަހު އޭނާގެ ހާލު ގޯސްވާތީ މާލެއަށް ފުރުވާލުމަށް މަސައްކަތް ކޮށްފައި ވީ ނަމަވެސް، މާލެއަށް ފުރުވާލުމުގައި ލަސްތަކެއް ދިމާވެފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.
އަދި ޝިއުނާ ނިޔާވެފައި ވަނީ މާލެއަށް ގެނައުމަށް އޭނާ ގޮވައިގެން ކޫއްޑޫ އެއާޕޯޓްގެ ރަންވޭ މަތީގައި ތިއްބާ ކަމަށް މައުލޫމާތު ލިބެއެވެ. ޝިއުނާގެ ދަރިފުޅު ނިޔާވެފައި ވަނީ އިތުރު ފަރުވާއަށް މާލެއަށް ގެނައި ފަހުންނެވެ.
މި މައްސަލައިގައި އާއިލާއިން ބުނާ ގޮތުގައި ގއ. އަތޮޅު ހޮސްޕިޓަލުން ވަނީ އިހުމާލު ވެފައެވެ. އާސަންދަ ހަމަޖެހިއްޖެ ކަމަށް ބުނެ ފްލައިޓް އަންނަނީ ކަމަށް އެ ހޮސްޕިޓަލުން ބުނިތާ އެތައް ވަގުތެއް ހޭދަވި ކަމަށް ބުނެއެވެ. ޝިއުނާ މާލެއަށް ފުރުވަން ކޫއްޑޫއަށް ގެންދިޔައީ ވެސް ފްލައިޓް އަންނަނީއޭ ބުނިތާ އެތައް ގަޑިއިރުތަކެއް ވީ ފަހުން ކަމަށާއި އެއާޕޯޓަށް ދިޔަ އިރު އޮކްސިޖަން ދެވޭނެ ގޮތް ވެސް ހަމަޖައްސައި ދެވެން ނެތް ކަމަށް މައުލޫމާތު ލިބެއެވެ.
އެއާއެކު ސަރުކާރުގެ އިދާރާތަކަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންދާ މި ދަނޑިވަޅުގައި ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ބަލައި ފިޔަވަޅު އަޅަން ޖިނާއީ ތަހުގީގެއް ހިންގަން ސަރުކާރުން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އިހުސާން ހިއްސާ ކުރައްވާފައި ނުވެއެވެ.
ޝިއުނާގެ ދެމައިން ނިޔާވި މައްސަލައިގައި އެއާއިލާއިން ވަނީ ފުލުހަށް ވެސް މައްސަލަ ހުށަހަލާފައެވެ. އެ އާއިލާއިން ބޭނުންވަނީ އިންސާފެވެ. އިތުރު އާއިލާއަކަށް މިފަދަ ހިތްދަތި ކަމަކާ ކުރިމަތިލާން ނުޖެހޭނެ ގޮތަކަށް ކަންކަން އިންތިޒާމް ކުރުމަކީ އެ އާއިލާގެ އެންމެ ބޮޑު އެދުމެވެ. އަދި ގއ. އަތޮޅު ހޮސްޕިޓަލަށް ކިޔަން ރަނގަޅީ އަތޮޅު ހޮސްޕިޓަލްގެ ބަދަލުގައި ސިއްހީ މަރުކަޒު ކަމަށް ވެސް އެ އާއިލާއިން ބުނެއެވެ.
މި ހާދިސާ އާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނެފައި ވަނީ، ގއ. އަތޮޅު ހޮސްޕިޓަލުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ވަރަށް ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ. މިހާރު އެ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށާއި ހުރިހާ ތަފްސީލެއް ވަރަށް ފުންކޮށް ބަލައި، އެއާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
މި ހާދިސާގައި ނިޔާވި ޝިއުނާގެ އިތުރު ދެ ކުދިން ތިބެއެވެ. އެއީ 13 އަހަރުގެ ކުއްޖަކާއި 8 އަހަރުގެ ކުއްޖެކެވެ.