ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުން ސިޒޭރިއަން ހެދި، އަންހެނަކާއި ތުއްތު ދަރިފުޅު ނިޔާވި މައްސަލައިގައި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ގޮވާލައި އެ ރަށުގެ ރައްޔިތުން އިހުތިޖާޖު ކުރަން ފަށައިފިއެވެ.
އުމުރުން 35 އަހަރުގެ ޝިއުނާ ތައުފީގް، ބަނޑަށް 8 މަހުގައި ރޯގާ ޖެހިގެން ނޭވާ ލާން އުނދަގޫވެ އެ ހޮސްޕިޓަލަށް ދިޔައީ މިދިޔަ އަންގާރަ ދުވަހުއެވެ. އަދި އޭނާގެ ހާލު ގޯސްވެ ވެންޓިލޭޓަރަށް ލުމަށްފަހު ސިޒޭރިއަން ހެދުމަށްފަހު ކުއްޖާ ވަނީ ނަގާފައެވެ. އެއަށް ފަހު އޭނާގެ ހާލު ގޯސްވާތީ މާލެއަށް ފުރުވާލުމަށް މަސައްކަތް ކޮށްފައި ވީ ނަމަވެސް، މާލެއަށް ފުރުވާލުމުގައި ލަސްތަކެއް ދިމާވެ އެ ދެމައިން ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ނިޔާވެފައެވެ.
މި މައްސަލައާ ގުޅިގެން އާއިލާއިން ވަނީ ގއ. އަތޮޅު ހޮސްޕިޓަލާއި މޯލްޑިވިއަންގެ މައްޗަށް ދައުވާ ކޮށް ދިނުމަށް އެދި ފުލުހުންނަށް މައްސަލަ ހުށަހަޅާފައެވެ. އަދި މި ކަމުގައި އެ ހޮސްޕިޓަލާއި މޯލްޑިވިއަނުން އިހުމާލުވެފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.
މިއަދު ހަވީރު އެ ރަށުގެ ރައްޔިތުން ދަނީ ޝިއުނާގެ ދެމައިންގެ މަރާ ގުޅިގެން އެ އާއިލާއަށް އިންސާފު ހޯދައިދިނުމަށާއި ރަނގަޅު ސިއްހީ ހިދުމަތް ދިނުމަށް ގޮވާލަމުންނެވެ. އެ ރަށުގެ އަންހެނުންނާއި ކުޑަކުދިންނާއި އަދި ގިނަ އަދަދެއްގެ ފިރިހެނުން މި އިހުތިޖާޖުގައި ބައިވެރިވެފައިވާ އިރު، އިހުތިޖާޖުގެ ބައިވެރިން ވަނީ ބެނާތަކާއި ބޯޑުތަކުގައި ޝުއޫރުތައް ލިޔެގެން ނިކުމެފައެވެ. މީގެ އިތުރުން މިހާރު ވެސް އިހުތިޖާޖުގެ ބައިވެރިން ދަނީ ޝުއޫރު ފާޅު ކުރަމުންނެވެ.
އެގޮތުން އެ ރަށުގައި ހުރި ގއ. އަތޮޅު ހޮސްޕިޓަލުން ދެމުންދާ ހިދުމަތުގެ ފެންވަރު ދަށްކަމުގެ ޝަކުވާތައް އަންނަނީ ކުރަމުންނެވެ. އެ ހޮސްޕިޓަލަކީ އަތޮޅު ހޮސްޕިޓަލު ކިޔާ ވަރުގެ ތަނެއް ނޫން ކަމަށާއި އެތަނުން ދޭ ހިދުމަތުގެ ފެންވަރާ ބަލާފައި ކިޔަންވީ ސިއްހީ މަރުކަޒު ކަމަށް އިހުތިޖާޖުގެ ބައިވެރިން އަންނަނީ ބުނަމުންނެވެ.
މި ފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ސިއްހީ ހިދުމަތް އިތުރަށް ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ މުހިއްމު ކަމެއް ކަމަށް ވެސް ރައްޔިތުން އަންނަނީ ބުނަމުންނެވެ. އަދި އެ ހޮސްޕިޓަލުގެ ހިދުމަތް ރަނގަޅުކޮށް ރައްޔިތުންގެ އިތުބާރު ލިބޭނީ އޭރުން ކަމަށް ވެސް އަންނަނީ ބުނަމުންނެވެ.
ޝިއުނާގެ ދެމައިން ނިޔާވި ހާދިސާއަށް ބަލާއިރު ސިޒޭރިއަންއަށް ފަހު ޝިއުނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދިނެވެ. މޭގައި ފެން ހެދިފައި ވުމުން އިތުރު ފަރުވާއަށް މާލެއަށް ފޮނުވަން ޖެހޭ ކަމަށް އެ ހޮސްޕިޓަލުން ބުނުމާއި، ތުއްތު ކުއްޖާ ދުވަސް ނުފުރާ ވިއްސިއިރު ނާސަރީގެ ހިދުމަތް ދެވެން އެ ހޮސްޕިޓަލުގައި ނެތުމުން އެ ކުއްޖާ ވެސް މާލެއަށް ފޮނުވަން ޖެހި އާސަން ހަމަޖެއްސިއެވެ. ނަމަވެސް ރޭގަނޑު 7 ޖެހި ފަހުން ފްލައިޓް ހަމަޖައްސަން ބުނި ނަމަވެސް މޯލްޑިވިއަންގެ ފްލައިޓު ކޫއްޑޫގައި ޖައްސާފައި ވަނީ އެރޭ 11 ޖަހަން ގާތްވެފައި ވަނިކޮށެވެ. އަދި އެ ވަގުތު އެއާއެމްބިއުލާންސްގެ ބަދަލުގައި ކޫއްޑުއަށް ފޮނުވާފައި ވަނީ ޗާޓަރު ފްލައިޓެއް ކަމަށާއި އޭގައި އޮކްސިޖަން ވެސް ނެތް ކަމަށް އާއިލާއިން ބުނެފައި ވެއެވެ.
ވެންޓިލޭޓަރުގައި ގެންދިޔަ ޝިއުނާ ފްލައިޓަށް ނާރުވާ 2 ގަޑިއިރު ރަންވޭގައި ބޭއްވި އިރު އޮކްސިޖަން ދަށްވެގެން އެ ސާމާނު އެރޭ ގެންނަން ޖެހުނީ ވިލިނގިއްޔަށް ލޯންޗެއް ފޮނުވައިގެން ކަމަށާއި އަދި ހާލު ދެރަވެ ޝިއުނާ ނިޔާވީ ކޫއްޑޫ އެއާޕޯޓަށް ކަމަށް އާއިލާއިން ބުނެއެވެ. މި ހާދިސާގައި ތުއްތު ދަރިފުޅު ނިޔާވީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ބުނެފައި ވިޔަސް އާއިލާއިން ބުނަމުން އަންނަނީ އެ ކުއްޖާ ނިޔާވީ ފްލައިޓުގައި މާލެއަށް ގެންދަނިކޮށް ކަމަށެވެ.
މި ހާދިސާ އާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނެފައި ވަނީ، ގއ. އަތޮޅު ހޮސްޕިޓަލުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ވަރަށް ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ. މިހާރު އެ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށާއި ހުރިހާ ތަފްސީލެއް ވަރަށް ފުންކޮށް ބަލައި، އެއާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ފުލުހުން ބުނެފައި ވަނީ މި މައްސަލައިގައި އެއްވެސް ފަރާތަކުން އިހުމާލެއް ވެފައި ވޭތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ.
މި ހާދިސާގައި ނިޔާވި ޝިއުނާގެ އިތުރު ދެ ކުދިން ތިބެއެވެ. އެއީ 13 އަހަރުގެ ކުއްޖަކާއި 8 އަހަރުގެ ކުއްޖެކެވެ.