ސިއްހީ ހިދުމަތް ފޯރުކޮށް ދިނުމުގައި ވާ އިހުމާލުތަކުގެ ސަބަބުން މީހުންގެ ފުރާނަ ގެއްލޭ މައްސަލަތަކަކީ މަދުން ނަމަވެސް ފެންނަ ކަންކަމެވެ. ހަމައެއާއެކު ރަށްރަށުން ސިއްހީ ފަރުވާ ދިނުމުގައި ދިމާވާ ހުރަސްތަކުގެ ސަބަބުން އަވަސް ފަރުވާ ދިނުމަށް މާލެއަށް ބަލި މީހާ ގެންނަން ޖެހޭ ހާލަތްތަކުގައި ފްލައިޓް ހަމަޖެހުމުގައި ލަސްތައް ދިމާވެ ބަލި މީހާގެ ފުރާނަ ގެއްލޭ މައްސަލަތަކަކީ ވެސް މާޒީގައި ފެނިފައި ހުރި ކަންކަމެވެ.

މިކަމަށް ހައްލެއް ގެނެސްދޭނެ ކަމަށް ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ކަމަށް މި ސަރުކާރުން ބުންޏެވެ.

ރޭގެ ވަގުތެއްގައި ގއ. ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުން ސިޒޭރިއަން ހެދިފަހުން، ގއ. ވިލިނގިލި، ޒަމާނީވިލާ، ފާތިމަތު ޝިއުނާ (35އ) އާއި އޭނާގެ ދަރިފުޅު ހާލު ދެރަވެގެން މާލެއަށް ގެނައުމަށް ލަސްތަކެއް ދިމާވެ، އެ ދެމައިން ވަނީ ނިޔާވެފައެވެ. އެދެމައިން ނިޔާވި މައްސަލައިގައި އެއާ އެމްބިއުލާންސްގެ ހިދުމަތާ މެދު އެތައް ބަޔަަކު އަންނަނީ ސުވާލު އުފައްދަމުންނެވެ. މިކަމާ ވިދިގެން މޯލްޑިވިއަނުން ބުނެފައި ވަނީ އެ ދެމައިން ބަލައި ދިޔަ ފްލައިޓުގައި ވަސީލަތްތައް ހަމަވާނެ ކަމަށެވެ. ނަމަވެސް އެ އާއިލާއިން އެ ވާހަކަތައް ދޮގުކޮށް ބޮޑެތި ތުހުމަތުތަކެއް ކުރެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޝިއުނާގެ ބޭބެ، އަހްމަދު ސުނިލް ތައުފީގް ބުނީ، އޭނާގެ ކޮއްކޮ ނިޔާވުމުގައި ގއ. އަތޮޅު ހޮސްޕިޓަލާއި މޯލްޑިވިއަން އެއާލައިންގެ އިހުމާލު އެބަ އޮތް ކަމަށް ގަބޫލު ކުރާކަމަށެވެ. ރޯގާ ޖެހިގެން ނޭވާ ނުލެވިގެން ހޮސްޕިޓަލަށް ދައްކަން ދިޔަ އިރު، އެތަނުން ހިދުމަތް ދިނުމުގައި ވެސް އިހުމާލުތަކެއް ވެފައިވާ ކަމަށް އޭނާ ބުނެއެވެ. ސިޒޭރިއަން ހެދުމަށްފަހު ޝިއުނާ އޮތީ ވެންޓިލޭޓަރުގައި ކަމަށާއި އަވަސް ފަރުވާއަށް މާލެއަށް ގެންދިއުމަށް ހޮސްޕިޓަލުން ބުނެ އާސަންދަ ހަމަޖައްސައި ފްލައިޓް ހަމަޖައްސަން މަސައްކަތް ކުރި ކަމަށް އޭނާ ބުނެއެވެ.

ނަމަވެސް ރޭގަނޑު 8 ޖެހި ފަހުން އެ ފްލައިޓް ކެންސަލް ވި ކަމުގެ ހަބަރު ލިބުނު ކަމަށާއި އެ ފްލައިޓް ދިޔައީ ބަލި މީހުންތަކެއް ނެގުމަށް ހދ. ކުޅުދުއްފުއްޓަށް ކަމަށް އެނގުނު ކަމަށް ސުނިލް ބުނެއެވެ. ސިޒޭރިއަން ހެދި ފަހުން ދެމައިން ވެސް ކްރިޓިކަލް ކޮންޑިޝަންއެއްގައި އޮތް ކަމަށާއި އޮކްސިޖަން ލެވެލް ނުހިފާއްޓާ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ފަހުން އޮކްސިޖަން ލެވަލް ރަނގަޅުވާން ފެށިކަމަށް ސުނިލް ބުނެއެވެ. އެރޭ 8:30 ވި އިރު ދެމައިން ގެ ހާލު ވެސް ސްޓޭބަލް ވި ކަމަށް އޭނާ ބުނެއެވެ.

ދެމައިންގެ ހާލު އޭރު ރަނގަޅުވި ނަމަވެސް ޝިއުނާގެ މޭގައި ވަނީ ފެން އުފެދިފައި ކަމަށާއި އަދި އުފަންވި ކުއްޖާ އަކީ 8 މަހުގައި އުފަންވި ކުއްޖެއް ކަމުން ނާސަރީގެ ހިދުމަތް ގއ. އަތޮޅު ހޮސްޕިޓަލުގައި ދެވެން ނެތުމުން މާލެއަށް ފުރުން އަވަސް ކުރަން އާއިލާއިން އައީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން ކަމަށް ބުންޏެވެ.

އެގޮތުން މޯލްޑިވިއަންގެ ޗާޓަރު ފްލައިޓް އަންނާނެ ވަގުތެއް ހޯދުމަށް ދެން ކުރި މަސައްކަތުގައި ލިބުނު މައުލޫމާތު ހިއްސާ ކުރަމުން ސުނިލް ބުނީ 9:30 ގައި ހުޅުލެއިން އެ ފްލައިޓް ފުރާނެ ކަމަށެވެ. ނަމަވެސް އެ ފްލައިޓް ހުޅުލެއިން ފުރީ 10:05 ގައި ކަމަށާއި ލަސްވީ ޗާޓަރު ފްލައިޓެއްގައި ވެންޓިލޭޓަރާއި ބޭނުންވާ ވަސީލަތްތައް ހަރުކުރަން ޖެހޭތީ ކަމަށް މައުލޫމާތު ދިން ކަމަށް ސުނިލް ބުންޏެވެ.

މޯލްޑިވިއަންގެ ފްލައިޓް އަންނާތީ ގއ. ވިލިނގިލިން ޝިއުނާ ގޮވައިގެން ކޫއްޑުއަށް ދިޔައީ ސީ އެމްބިއުލާންސެއްގައެވެ. އޭރުވެސް ޝިއުނާ އޮތީ ވެންޓިލޭޓަރުގައި ކަމަށާއި އޭރު ޝިއުނާގެ އޮކްސިޖަން ލެވެލް ހުރީ 80 އިން މަތީގައި ކަމަށް ސުނިލް ބުނެއެވެ. ތުއްތު ދަރިފުޅާއެކު ކޫއްޑޫއަށް ޝިއުނާ ގޮވައިގެން ގޮސް ފްލައިޓަށް ތުއްތު ދަރިފުޅު ގޮވައިގެން "ދޮންތަ" އެރި ކަމަށް ސުނިލް ބުނެއެވެ. ނަމަވެސް ޝިއުނާ ފްލައިޓަށް އޭރު ނާރުވާ މަޑުކުރީއެވެ.

މޯލްޑިވިއަނުން އެ ދެމައިން ބަލާ ފޮނުވި ފްލައިޓުގައި އޮކްސިޖަން ނެތް ކަމަށާއި އޮކްސިޖަން ޕަންޕްވެސް ނެތް ކަމަށް ސުނިލް ބުންނެވެ. އެ ތަކެތި ގެނައީ ވިލިނގިލިން ދެ ފަހަރު މަތިން ލޯންޗު ފޮނުވައިގެން ކަމަށާއި އެ ތަކެތި ނެތް ކަމަށް ބުނީ އެ ފްލައިޓުގައި ތިބި ޑޮކްޓަރުންގެ ޓީމުން ކަމަށް އޭނާ ބުނެއެވެ.

ރަންވޭ މަތީގައި ހޭދަވީ ފުރަތަމަ ގަޑި އިރު ތެރޭ ޝިއުނާގެ ބްލަޑް ޕްރެޝަރު ދަށްވެ އޮކްސިޖަން ވެސް ދަށްވަމުން ދިޔަ ކަމަށާއި އޮކްސިޖަން ލެވެލް އެވަގުތު 50 އިން ދަށަށް ވެއްޓުނު ކަމަށް ވެސް ބުންޏެވެ. ނަމަވެސް މޯލްޑިވިއަން ފްލައިޓްގައި ތިބި އެމަޖެންސީ ޓީމަށް އޮކްސިޖަން ދަށްވަމުން ދިޔައީ ކީއްވެގެންކަން ވެސް ނޭނގުނު ކަމަށާއި އޭރު އޮކްސިޖަން ދަށްވަމުން ދިޔައީ ސިލިންޑަރު ހުސްވެގެން ކަމަށް ސުނިލް ބުނެއެވެ.

ކޫއްޑޫ ރަންވޭ މަތީގައި ދެގަޑި އިރު ވަންދެން ތިބެން ޖެހުނު ކަމަށާއި އެހެން ތިބެން ޖެހުމުން ވިލިނގިއްޔަށް ގުޅައިގެން ގެނައި އޮކްސިޖަން ސިލިންޑަރު އެކީ ހުސްވީ ކަމަށް އޭނާ ބުނެއެވެ. އެއަށްފަހު ޝިއުނާ އެއާޕޯޓްގެ ރެސްޓް ރޫމަށް ގެންދިޔަ ކަމަށާއި އެ އެއާޕޯޓް ރެސްޓް ރޫމްގެ އެނދުމަތީ ބޭއްވި ވަގުތަކީ އެންމެ ފަހު ނޭވާ ދޫކޮށްލި ވަގުތުކަމަށް ސުނިލް ބުނެއެވެ.

ޝިއުނާގެ ދަރިފުޅު ނިޔާވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ބުނެފައި ވީ ނަމަވެސް އެއީ މުޅިން ތެދު ވާހަކައެއް ނޫން ކަމަށް ވެސް ސުނިލް ބުނެއެވެ. ޝިއުނާ ނިޔާވުމުން ކުއްޖާ ގޮވައިގެން އެ ފްލައިޓު އަވަހަށް ފުރި ނަމަވެސް ފްލައިޓުގައި އިން "ދޮންތަ" އާ ހަވާލާދީ ސުނިން ބުނީ، ފްލައިޓު ތެރޭގައި ވެސް އެ ކުއްޖާގެ ފުރާނަ ނެތް ކަމަށެވެ.

ޝިއުނާގެ ދެމައިން ނިޔާވި މައްސަލައިގައި އެއާއިލާއިން ވަނީ ފުލުހަށް ވެސް މައްސަލަ ހުށަހަލާފައެވެ. އެ އާއިލާއިން ބޭނުންވަނީ އިންސާފެވެ. އިތުރު އާއިލާއަކަށް މިފަދަ ހިތްދަތި ކަމަކާ ކުރިމަތިލާން ނުޖެހޭނެ ގޮތަކަށް ކަންކަން އިންތިޒާމް ކުރުމަކީ އެ އާއިލާގެ އެންމެ ބޮޑު އެދުމެވެ. އަދި ގއ. އަތޮޅު ހޮސްޕިޓަލަށް ކިޔަން ރަނގަޅީ އަތޮޅު ހޮސްޕިޓަލްގެ ބަދަލުގައި ސިއްހީ މަރުކަޒު ކަމަށް ވެސް އެ އާއިލާއިން ބުނެއެވެ.

މި ހާދިސާ އާ ގުޅިގެން ހެލްތް މިނިސްޓްރީން ބުނެފައި ވަނީ، ގއ. އަތޮޅު ހޮސްޕިޓަލުގައި ހިނގި ހިތާމަވެރި ހާދިސާއާ ގުޅިގެން ވަރަށް ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ. މިހާރު އެ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށާއި ހުރިހާ ތަފްސީލެއް ވަރަށް ފުންކޮށް ބަލައި، އެއާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

މި ހާދިސާގައި ނިޔާވި ޝިއުނާގެ އިތުރު ދެ ކުދިން ތިބެއެވެ. އެއީ 13 އަހަރުގެ ކުއްޖަކާއި 8 އަހަރުގެ ކުއްޖެކެވެ.