ގުޅިފަޅު ޕްރިޖެކްޓަކީ ތިމާވެއްޓަށް ގެއްލުން ބޮޑު އަދި މާލީ ގޮތުންވެސް ދެކޮޅު ނުޖެހޭ ޕްރޮޖެކްޓެއް ކަމަށް ބުނެ އެ ޕްރޮޖެކްޓު ހުއްޓުވަން ހައިކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލު ކޮށްފިއެވެ.

އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވައި ދިނުމަށް އެދި ސިިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި، ނެރެދޭން އެދުނު ވަގުތީ އަމުރު އެ ކޯޓުން ނެރެއެއް ނުދިނެވެ. އެއާއެކު އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ޕްރޮޖެކްތް ހުއްޓުވުމަށް ހައިކޯޓުން އަމުރު ކުރީ މިިދިޔަ ފެބްރުއަރީ މަހުގެ 14 ގައެވެ. އެއަށްފަހު މި މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ހައިކޯޓުން ނެރުނު އަމުރަކީ އެފަދަ ވަގުތީ އަމުރު ނެރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމުން އެ އަމުރު ބާތިލުކުރީ ކަމަށެވެ. އެ މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާ ގޮތަށް ވަގުތީ އަމުރު ނެރެފި ނަމަ ދައުލަތުން ވަރަށް ބޮޑު މާލީ ބުރައެއް އުފުލަން ޖެހޭނެ ކަމަށް؛ އެއީ އެއްބަސްވުމުގައި އޮތް ގޮތުން މަޝްރޫއުގެ މަސައްކަތް ހުއްޓުވައިފި ނަމަ އައިޑަލް ޗާޖަސްގެ ގޮތުގައި ގަޑިއިރަކަށް 15،300 ޔޫރޯ (256،096.14ރުފިޔާ) ކޮންޓްރެކްޓަރަށް ދައުލަތުން ދައްކަން ޖެހޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ބުނެއެވެ.

މިފަދަ މަޝްރޫއުތަކުން ތިމާވެއްޓަށް ގެއްލުން ލިބޭ ނަމަ އެ މަޝްރޫއެއް ހުއްޓުވުމުގެ ބާރު މިނިސްޓްރީއަށް އޮތަސް، މިނިސްޓްރީން މި މަޝްރޫއު ކުރިއަށް ގެންދަން ބޭނުންވާ ކަމަށް އެ ކޯޓުން ބުނެއެވެ. އެހެންވެ އެ ފައިސާ ދައުލަތުން ދައްކަން ނުޖެހޭނެ ކަމަށް ބެލެން ނެތް ކަމަށާއި އެ ބިން ހިއްކުމުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަކީ ދާއިމީ ގެއްލުންތަކެއް ކަން ނުވަތަ ނޫންކަން މައްސަލަ ހުށަހެޅި ފަރާތުގެ ބަހުން ސާފު ނުވާ ކަމަށް އެ ކޯޓުން ބުނެއެވެ.

ހައުސިން މިނިސްޓްރީއާ ދެކޮޅަށް މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައި ވަނީ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ އެކްޓިވިސްޓެއް ކަމަށްވާ ހުމައިދާ އަބްދުލްގަފޫރެވެ.