"އައިވީއެފް" ފަރުވާގެ ހަރަދުކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްފިއެވެ.

އެ މުއްދަތު އިތުރުކޮށްފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖެހުމުގެ ނިޔަލަށެވެ.

އެންސްޕާއިން ބުނީ މިއަދުގެ ނިޔަލަށް ފޯމާއި ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން "'އައިޔޫއައި" އަދި "އައވީއެފް" ގެ ފަރުވާތައް އާސަންދަ ސްކީމް މެދުވެރިކޮށް ފޯރުކޮށްދިނުމާއި ގުޅޭ އުސޫލު" ގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް އެހީ ހަމަޖައްސައިދޭނެ ކަމަށެވެ.

އެންސްޕާއިން ބުނީ "އައިވީއެފް" ގެ ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ހުށަހަޅާ ފޯމް އެ އެޖެންސީ އަދި އާސަންދަ ކުންފުނީގެ ކައުންޓަރުތަކާއި ވެބްސައިޓްތައް މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އަދި ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅާނީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލް އަދި މޫކައި ސުއިޓްސް 4 ވަނަ ފަންގިފިލާގައި ގާއިމްކުރެވިފައިވާ އެ އެޖެންސީގެ ކައުންޓަރުތަކަށް އަދި އީމެއިލް އާއި ވައިބާ މެދުވެރިކޮށްވެސް ފޮނުވޭނެ ކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.

އާސަންދަ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް ފަސޭހަ ކަމާއެކު އޮންލައިންކޮށް އެ ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް މިހާރު ހުޅުވާލެވިފައިވާނެ ކަމަށްވެސް އެންސްޕާއިން ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރަން ނުވަތަ ފޯމު ފުރުމުގައި އެހީތެރިކަމެއް ބޭނުންވެއްޖެނަމަ އެންސްޕާގެ ހޮޓްލައިން، 1402 ނުވަތް އީމެއިލް ކުރެެއްވުމަށް އެ އެޖެންސީއިން ވަނީ ބުނެފައެވެ.