ދައުލަތް ހިނގުމަށް ކަނޑައަޅާފައިވާ ބަޖެޓުން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އަށް ކަނޑައަޅާފައިވާ ބަޖެޓުގެ 22 ޕަސެންޓް ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުން ދައްކައިފިއެވެ.

މި އަހަރުގެ ބަޖެޓަށް 56.6 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ އިރު، އެންސްޕާއަށް ކަނޑައަޅާފައިވާ ބަޖެޓަކީ 3.93 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބަށް ބަލާއިރު، މިދިޔަ މާޗް މަހުގެ 20 ވަނަ ދުވަހާ ހަމައަށް އެންސްޕާއިން ވަނީ މި އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުން 883.8 މިލިއަން ރުިފޔާ ހަރަދުކޮށްފައެވެ. އެއީ ބަޖެޓުގެ 22.48 ޕަސެންޓެވެ.

މިދިޔަ އަހަރު އެންސްޕާއަށް 3.47 ބިލިއަން ރުފިޔާ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވާ އިރު، އެ އަހަރުގެ މާޗް 20 ވަނަ ދުވަހާ ހަމައަށް އެންސްޕާއިން ވަނީ 648.3 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެއީ 2024 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓުން 18.70 ޕަސެންޓެވެ.

މިއަހަރަށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައިވާ އިރު އެ ބަޖެޓުން ހަރަދުކުރަން ކަނޑައަޅާފައި ވަނީ 49 ބިލިއަން ރުފިޔާއެވެ. އެންސްޕާއިން 883.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، ވޭތުވެ ދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ދައުލަތުން 7.6 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ދައުލަތުން ބަނީ 8.8 ބިލިއަން ރުފިޔާ ހޯދާފައެވެ.

އެންސްޕާ ވުޖޫދަށް އައިސްފައި ވަނީ އޮގަސްޓް 27، 2008 ގައެވެ. އެ އޭޖެންސީގެ މައިގަނޑު މަސައްކަތަކީ ގައުމީ އިޖްތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާއީ ރައްކާތެރި ކަމުގެ ގާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމެވެ. އަދި މީގެ އިތުރުން ގާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިހްތިޔާރުގެ ދަށުން ހަވާލުކުރެވިފައިވާ މަސައްކަތްތައް ހިންގާ ބެލެހެއްޓުމެވެ.

އެންސްޕާ އިން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ ބޭސް ފަރުވާގެ އެހީގެ ޕްރޮގްރާމް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމްގެ އިތުރުން ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމާއި އިޖްތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމްއެވެ.