ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަމާއި އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ އޮތް ދައުލަތުގެ މުއައްސަސާތަކުން އިހުމާލުވަމުންދާ ކަމަށް ވިދާޅުވެ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި މައްސަލަ ބަލައިނުގަނެ އަނބުރާ ފޮނުވާލައިފިއެވެ.
މުހައްމަދު ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވީ، ގާނޫނުއަސާސީގައިވާ ގޮތުން އަސާސީ ހައްގުތައް ލިބިދިނުމުގައި މީހެއްގެ ހުރި ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމަށް ބިނާކޮށް އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ގެންގުޅުން މަނާކުރާ ކަމަށާއި، މުޖުތަމައުގެ އާންމު ހާލަތަށް ވުރެ ނިކަމެތިކަމެއް ލިބިފައިވާ މީހަކަށް ނުވަތަ ބަޔަކަށް އެހީތެރިވެދިނުމަށް ކުރާ މަސައްކަތް ތަފާތުކުރުން ކަމުގައި ނުބެލެވޭނެ ކަމަށާއި، ގާނޫނުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ރައްކާތެރިކަމާއި އިނާޔަތްތައް ލިބޭނެ ގާނޫނީ ނިޒާމެއް ރާއްޖޭގައި އެކުލަވާލާފައި އެބައޮތް ކަމަށެވެ.
ނަމަވެސް ރާއްޖެއާއި ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދައުލަތުން ފޯރުކޮށްދިނުމަށް ގާނޫނުތަކުން ލާޒިމްކުރާ ހާއްސަ ރައްކާތެރިކަމާއި މާލީ އެހީ އާއި ބޭސްފަރުވާ ފޯރުކޮށްދިނުމުގައި އެންސްޕާއާއި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތައް އިހުމާލުވެފައިވާ ކަމަށް އެ މައްސަލައިގައި ވިދާޅުވިއެވެ. އެގޮތުން މެންބަރު ފާހަގަކުރެއްވި ބައެއް އިހުމާލުތަކުގެ ތެރޭގައި ހިމެނެނީ:
- ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭން ޖެހޭ ފީ ސަރުކާރުން އަދާކުރަމުން ނުދާ ކަން، އެކަމުގެ ސަބަބުން އާއިލާތަކުން އަމިއްލަ ޖީބުން ހަރަދުކުރަން ޖެހުން
- ތެރަޕީ ސެންޓަރުތަކުގެ ކިޔޫ ދިގުވެ ތެރަޕީގެ އަގު ބޮޑުވުމާއި ތެރަޕިސްޓުން އެކަށީގެންވާ ވަރަށް ނެތުމުގެ ސަބަބުން ކުދިންނަށް ތެރަޕީ ނުދެވުން
- އޯޓިޒަމާއި އޭޑީއެޗްޑީ ފަދަ ހާއްސަ ހާލަތްތައް މެދުވެރިވެފައިވާ ކުދިންނަށް ކޮންމެހެން ބޭނުންވާ ބޭހާއި ސިއްހީ އާލާތްތައް ބޭސް ފިހާރަތަކުން ނުލިބުން
މުޖުތަމައުގައި ހިމެނޭ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަކީ ގާނޫނުއަސާސީގެ ދަށުން ދައުލަތަށް ލާޒިމްކުރާ ކަމެއް ކަމަށާއި، އާންމުންނަށް ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ސިއްހަތަށް ރަނގަޅު މާހައުލެއް ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ގާނޫނުއަސާސީން ދައުލަތަށް މަތިކޮށްފައިވާ ކަން ވެސް އެ މައްސަލައިގައި ފާހަގަކުރައްވާފައިވެއެވެ.
ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަށީގެންވާ ސިއްހީ ހިދުމަތްތައް ހޯދުމުގައި ދިމާވަމުންދާ މައްސަލަތަކާއި ކަމާބެހޭ ފަރާތްތަކުން ވަމުންދާ އިހުމާލުތަކަށް ހައްލެއް ނުލިބުމުގެ ސަބަބުން އެފަދަ ފަރާތްތަކުގެ ދިރިއުޅުމުގެ އާންމު ހާލަތު ދަށްވެ، ސިއްހީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އިޔާދަނުކުރެވޭ ވަރުގެ ގެއްލުން އެ ފަރާތްތަކަށާއި އެ ފަރާތްތަކުގެ އާއިލާއަށް ލިބެމުންދާ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
މި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން، މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. ނުފެންނަ ކަމަށް 44 މެންބަރަކު ވޯޓު ދެއްވިއެވެ.