ޕޯޓް ސެކިއުރިޓީ އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގި "ޕޯޓް ސެކިއުރިޓީ ޓްރެއިނިން – ސެޓްފިކެޓް 1" ގެ ދަސްވެނީންނަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.
ސެޓްފިކެޓް ހަވާލުކޮށްފައިވަނީ މިއަދު ކޯސް ނިންމުމުގެ ގޮތުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް)ގެ މައި މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އަލީ ހާޝިމް އާއި ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ޕޯޓް ސެކިއުރިޓީ އޮފިސަރުންނަށް އަމާޒުކޮށްގެން ހިންގި މި ކޯހުގައި އެމްޕީއެލްގެ 18 ސެކިއުރިޓީ އޮފިސަރުން ބައިވެރިވެވަޑައިގެންފައިވާއިރު، އޭގެ ތެރޭގައި ހިތަދޫ ޕޯޓުގެ ދެ ބައިވެރިންނާއި ކުޅުދުއްފުށި ޕޯޓުގެ ދެ ބައިވެރިން ހިމެނެއެވެ. މި ރަސްމިއްޔާތުގައި ވަނީ ބައެއް ވަނަތަކަށް ހޮވުނު ބައިވެރިންނަށްވެސް އިނާމު ހަވާލުކޮށްފައެވެ.
ކޯހުގެ އެކި ވަނަތަކަށް ހާސިލުކޮށްފައިވާ ބައިވެރިން:
-
އަފްސަލް އިބްރާހިމް / ސީނިއާ ސެކިއުރިޓީ އިންސްޕެކްޓަރު – ބެސްޓް އޯލް ރައުންޑް
-
މުހައްމަދު ނުހާދު / ސީނިއާ ސެކިއުރިޓީ އެސިސްޓަންޓް – ބެސްޓް އިން މެރިޓް
-
މުހައްމަދު އަބްދުﷲ / ސީނިއާ ސެކިއުރިޓީ އެސިސްޓަންޓް – ފިޓަސްޓް ޕާޓިސިޕަންޓް
އެމްޕީއެލް އިން ބުނީ މި ކޯހުގެ މަގްސަދަކީ ޕޯޓް ސެކިއުރިޓީގައި މަސައްކަތް ކުރާ އޮފިސަރުންނަށް ބޭނުންވާ ހުނަރާއި އިލްމު އުނގަންނައިދިނުމުގެ އިތުރުން ހަރުދަނާ ސެކިއުރިޓީ އޮފިސަރުން އުފެއްދުން ކަމަށެވެ. މި ކޯހަކީ އެމްއެންޑީއެފް އާއި އެމްޕީއެލް ގުޅިގެން ކުރިއަށް ގެންދިޔަ ކޯހެކެވެ.