ޓެކްސް ކޮމިޝަނަރު ކަމަށް ކުރީގެ ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރު އައްޔަންކުރުމަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޓެކްސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ފަތުހުﷲ ޖަމީލް، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ތ. ތިމަރަފުށި ދާއިރާ އަށް ވާދަކުރެއްވުމަށް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ ކުރީގެ ޓެކްސް ކޮމިޝަނަރު ޔަޒީދުގެ އިތުރުން ޒަރީރުގެ ނަމެވެ. މި ދެ ބޭފުޅުންނާ ވަކިވަކިން އިންޓަވިއުކުރުމަށް ފަހު، އެސްއޯއީ ކޮމިޓީގެ މެންބަރުންގެ އިއްތިފާގުން ފާސްވީ ޒަރީރުގެ ނަމެވެ.

އެހެންކަމުން ޓެކްސް ކޮމިޝަނަރު ކަމަށް ޒަރީރު އައްޔަންކުރުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 45 މެންބަރުން ވެސް ވަނީ ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ.

ޓެކްސް ކޮމިޝަނަރަށް އައްޔަނުކުރަން ފޮނުއްވި ޔަޒީދާއި ޒަރީރުގެ މަގާމު ގެއްލުނީ، 2019 ވަނަ އަހަރު ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހަކާ ގުޅިގެންނެވެ. ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް ގެނައި އިސްލާހުގައި ވަނީ އެ ބިލަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި މީރާގައި ތިއްބެވި އެންމެ އިސް ދެ މަގާމަށް އަލުން މީހަކު އައްޔަން ކުރަންވާނެ ކަމަށެވެ.

އަދި ހަމަ އެ މުއްދަތުގެ ތެރޭގައި ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ މީރާގެ ބޯޑު އަލުން އެކުލަވައިލަން ޖެހޭނެ ކަމަށާއި ބޯޑަށް އިތުރު މެންބަރަކު އައްޔަން ކުރަންޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.