އިންޑިއާ އާއި ޕާސްކިތާނުންވެސް އަމިއްލަ ކުރަން ބޭނުންވާ ކަޝްމީރުގެ ޕާކިސްތާން ކޮންޓްރޯލް އޮންނަ ފަޅީފައި އާންމުންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުމެއް ހިނގައިފިއެވެ.
ދާއިމީ ކަރަންޓެއް ނުލިބުމާއި ޓެކްސް ބޮޑުވެ އިންފްލޭޝަން މައްޗަށް އަރައިގެން ދިޔުމުގެ މައްސަލައިގައި އާންމުން މަގުތަކަށް ނިކުމެ ކުރަމުން ދިޔަ މުޒާހަރާތަކުގައި އިންޑިއާގެ ދިދަ ވިހުރުވާ, ޕާކިސްތާނުން ވަކިވާން ބޭނުންވާ ކަމަށް ބުނެ އަޑުއުފުލާން ފެށުމުން ފުލުހުން ނިކުމެ އެމީހުން މައިތިރި ކުރަން ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް މަގުތަކަށް ނިކުތް އާންމުންގެ އަދަދު ގިނަ ވުމާއެކު ފުލުހުންނަށް ކޮންޓްރޯލް ގެއްލި ފިލަން ދުވަން ފެށުމުން އާންމުން ވަނީ އެމީހުންގެ ފަހަތުން ދުވެ ގަލާއި ލަޓިބުރިން ހަމަލާދީފައެވެ.
މި ހަމަނުޖެހުމުގެ ތެރޭގައި ފުލުހުންގެ އެކަކު މަރުވެ 90 މީހަކު ޒަހަމްވި އިރު އާންމުވި ބައެއް ވީޑިއޯ ކްލިޕްތަކުން ފެންނަ ގޮތުން އާންމުން ފުލުހުން ފަހާ ދުވެ ގޮސް ތަޅާ އަނިޔާ ކޮށްފައި ވެއެވެ. އަދި ފުލުހަކު ސަލާމާތް ވާން ފަރުވަދަ އަކަށް އަރައަރާ އޮއްވާ އަތުލައިގެ ތަޅާ ވައްޓާލާތަންވެސް ފެނެއެވެ.
48 ގަޑި އިރަށް ދެމިގެން ދިޔަ މި ހަމަނުޖެހުން މިހާރު ޕާކިސްތާނުގެ އަސްކަރީ ސިފައިން ނިކުމެ މައިތި ކޮށްފައި ވާ އިރު, އާންމުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުވެސް ކޮށްފައެވެ.
މި ހަމަނުޖެހުން ހިންގުމުގައި ކުރީ ސަފުގައި ގިނައިން ހަރަކާތްތެރި ވީ ދަނޑުވެރިންނެވެ. އެމީހުންނާ ހަވާލާދީ ޕާކިސްތާންގެ ބައެއް ނޫސްތަކާއި ސަރަހައްދީ ބައެއް ނޫސްތަކުގައި ބުނެފައި ވަނީ ހަމަނުޖެހުން ފެށުނީ ތަކެތީގެ އަގުތައް ބޮޑުވުމާއި ހައިޑްރޯޕަވާ [ފެނުން އުފައްދާ ކަރަންޓް] ދާއިމީ ގޮތެއްގައި ނުލިބި އަގު ހެޔޮ ނުވުމުގެ މައްސަލައިގައި އަޑުއުފުލަމުން ދިޔަ މީހުންގެ ތެރެއިން 70 މީހަކު މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރުމާ ގުޅިގެން ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ކަޝްމީރު ސަރަހައްދުގެ ޕޮލިސް ޕޯސްޓްތައް ހުރި ކޮމްޕައުންޑްގެ ތެރެއަށް ވަދެގަނެ ހައްގުތައް ދިނުމަށް ގޮވާ ހަދާ އަޑުއުފުލާފައި ވެއެވެ. މިހާދިސާ އާ ގުޅިގެން އާޒާދު ޖަންމޫ އެންޑް ކަޝްމީރުގެ ކުރީގެ ބޮޑުވަޒީރު ސަރުދާރު އަބްދުލްގައްޔޫމް ނިއާޒީ ވިދާޅުވެފައި ވަނީ އެނީ ޑްރާމާ އެއް ކަމަށާއި ސިޔާސީ ގޮތުން ޕޮއިންޓް ހޯދަން ސިޔާސީ ބަޔަކު އަޑީގައި ތިބެ ކުރި ކަމެއް ކަމަށެވެ. އިތުރަށް އޭނާ ވަނީ މުޒާހަރާވެސް ކުރެވޭނެ ކަމަށާއި ނަމަވެސް ދުޝްމަނުންނަށް ޕާކިސްތާންގެ ސަރަހައްދުގައި ހަމަނުޖެހުން ހިންގުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. ދުޝްމަނުން ކަމަށް އޭނާ އެ އިޝާރާތް ކުރައްވަނީ އިންޑިއާ އަށެވެ.
އެ ހަމަނުޖެހުމުގެ އަޑީގައި އިންޑިއާގެ އަތެއް ވާކަމަށް ތުހުމަތު ކުރަނީ, އިންޑިއާ އިން ވެސް ކަޝްމީރު އެކަށް ބޭނުން ވުމާއި ޕާކިސްތާނާއި އިންޑިއާ އާ ދެމެދު ކަޝްމީރުގެ މައްސަލައިގައި އަބަދުމެ އަރާރުން ވުމުގެ އިތުރުން ދެފަހާތުގެ ސިފައިންނާއި ބައެއް އާންމުންގެ މަދުގައި ކުރިމަތިލުންތައް ހިނގައި ޓެރަރިސްޓް ހަމަލާތައް ވެސް މީގެ ކުރިން ދީފައި ވާތީއެވެ. އެ ފަދަ ހަމަލާތަކުގައި އިންޑިއާގެ ސިފައިންވެސް މަރުވެފައި ވާއިރު އިންޑިއާގެ ހަމަލާތަކުގައި ޕާކިސްތާންގެ ސިފައިންވެސް މަރުވެފައި ވެއެވެ.