މި އަހަރުގެ މިހާތަނަށް 104.5 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލެވިފައި ވާ ކަމަށް ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމެންޓްގެ ހެޑް އަހްމަދު ނާފިޒް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާފިޒް ވިދާޅުވީ މި އަހަރުގެ މިހާތަނަށް 19،220 ގްރާމް (19.22ކިލޯ) ގެ މަސްތުވާތަކެތި އަތުލައިގެންފައި ވާ ކަމަށެވެ. އަދި އެތަކެތީގެ މަގުމަތީގެ އަގު 104،550،509 ރުފިޔާއަށް އަރާ ކަމަށެވެ.
ކޯޓު އަމުރުގެ ދަށުން މަސްތުވާތަކެތީގެ 12 އޮޕަރޭޝަނެއް މިދިޔަ މަހުގައި ހިންގާފައި ވާކަން ފާހަގަ ކުރައްވާ ނާފިޒް ވިދާޅުވީ މި އަަހަރު 56 އޮޕަރޭޝަނެއް ހިންގާފައިވާނެ ކަމަށެވެ. އަދި ޖުމްލަ 13 ވެހިކަލްއެއް ބަލާ ފާސްކޮށްފައި ވާނެ ކަމަށާއި 5 ޑްރަގް ކާޓެލް ބަންދުކޮށްފައި ވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން މިދިޔަ މަހު ޖުމްލަ 812 މީހުން ބަލާ ފާސްކޮށް ހޯދަން ބޭނުންވި މައުލޫމާތުތައް ހޯދާފައިވާނެ ކަމަށާއި މިއަހަރުގެ މިހާތަނަށް 3،686 މީހުން ބަލާ ފާސްކޮށްފައި ވާނެ ކަމަށް ނާފިޒް ވިދާޅުވިއެވެ. އަދި އެފަދަ މައްސަލަތަކުގައި މި އަހަރުގެ މިހާތަނަށް 260 ދިވެހިންނާއި 16 ބިދޭސީން ހައްޔަރު ކޮށްފައި ވާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ނާފިޒް ވިދާޅުވީ މަސްތުގެ ހާލަތުގައި ހުއްޓައި މިއަހަރު 61 ދިވެހިން ހައްޔަރު ކުރެވުނު ކަމަށެވެ. އަދި 55 ބިދޭސީން ހައްޔަރު ކޮށްފައި ވާއިރު، މި މުއާމަލާތްތަކުގެ ތެރެއިން 54 ބިދޭސީން އިމިގްރޭޝަންއާ ހަވާލުކޮށްފައި ވާނެ ކަމަށެވެ.
މީގެއިތުރުން މި އަހަރުގެ މިހާތަނަށް މަސްތުވާތަކެތީގެ 257 މައްސަލަ ތަހުގީގުކޮށް އެ މައްސަލަތަކުގެ ތެރެއިން 95 މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާފައިވާނެ ކަމަށް ނާފިޒް ވިދާޅުވިއެވެ. އަދި އެ މައްސަލަތަކުގެ ތެރެއިން ދައުވާ ކުރެވެން ހުރި މީހުންގެ މައްސަލަތައް އިތުރަށް ދިރާސާކޮށް ދައުވާ ކުރެވެން ހުރި ނުކުތާތައް ފާހަގަކޮށް އެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.