މި ދުވަސްވަރަކީ ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުން ގާހުދުވަމުންދާ ދުވަސްވަރެއް ކަމުން ފަރުތައް ހިމާޔަތް ކުރުމަށް ބިން ހިއްކުމާއި ފަޅު ފުން ކުރުމުގެ މަޝްރޫތައް ހުއްޓާލުމަށް އެންވަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެންގި އެންގުމަށް ތަބާވާން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)އިން ގޮވާލައިފިއެވެ.

މިފަދަ ދުވަސްވަރެއްގައި ހިންގޭ ހަރަކާތްތަކުން ފަރުތަކަށް ކުރާ އަސަރުގެ ސަބަބުން ފަރުތައް އަލުން އިއާދަވާ މިންވަރު ލަސްވުމުގެ އިތުރުން އިއާދަވުމަށް ހުރަސް އެޅުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކުރެވުމުންދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަސައްކަތްތަކާއި ބީޗް ނަރިޝްމަންޓް މަސައްކަތްތަކަކީ މި މަސައްކަތްތަކުގެ ސަބަބުން ފަރުތަކުގެ މާހައުލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާ ކަން ފާހަގަކޮށް 10 ޖޫން 2024 ވަނަ ދުވަހުގެ ނިޔަލަށް އެފަދަ މަޝްރޫއުތައް މެދުކަނޑާލުމަށް އަންގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެ ނިންމުމާ ގުޅިގެން މަޓީ އިން މިއަދު ނެރުނު ބަޔާނުގައި ވަނީ ފަރުތުވެރިކަމުގެ ސިނާއަތުގެ ހުރިހާ ހިއްސާދާރުން އެ ފިޔަވަޅުތައް ތަންފީޒުކުރުމުގައި އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. އަދި ހަމައެހެންމެ އީޕީއޭގެ ފިޔަވަޅުތަކަށް މަރުހަބާ ކިޔައި، އެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ތާއީދު ކުރާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް މި ކަންކަން ހަރުދަނާ ގޮތެއްގައި ތަންފީޒުކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މި ފިޔަވަޅުތަކުގެ ސަބަބުން ޝައްކެއް ވެސް ނެތް ގޮތުގައި، މިހާރު ހިނގަމުންދާ މާސް ކޮރަލް ބްލީޗިންގެ އަސަރު ކުޑަކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މަޓީ އިން ވަނީ ބުނެފައެވެ.

ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށް އަދި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާހުދުވުމުގެ ހާދިސާތައް ކުރިއާލައި ލަފާ ކުރުމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން އިން އެންމެ ފަހުން ނެރެފައިވާ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު ރާއްޖެ މި ވަގުތު އޮތީ "އެލާރޓް ލެވަލް 1" ގައެވެ. އަދި ރާއްޖޭގެ ގިނަ ސަރަހައްދުތަކަކުން ގާހުދުވާ ކަމުގެ ރިޕޯޓާއި އެކަމާއި ގުޅޭ މަޢުލޫމާތު ދަނީ ލިބެމުން ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.

ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998 ގައި ފާހަގަ ކުރެވުނު ފަހުން އެފަދަ ހާދިސާތައް ދޭތެރެ ދަނީ ފެންނަމުންނެވެ. އޭގެފަހުން އެންމެ ބޮޑަށް ގާ ހުދުވެފައިވަނީ 2016 ވަނަ އަހަރުއެވެ.