މަދީނާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައްދަލުކުރައްވައިިފިއެވެ.

މަދީނާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި މަދީނާގައި ތައުލީމު ހާސިލުކުރަމުންދާ 24 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވަނީ އެކުދިން ބޭނުންވާ ކަންކަމާއި, އެކުދިންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވާ އެ ދަރިވަރުން ފާހަގަކުރެއްވި ކަންކަން ކޮށްދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސްގެ މި ދަތުރުފުޅަކީ މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީއަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ މެހެމާންދާރީގައި އުމްރާގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެކަނބަލުން ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިހް މުހައްމަދު ލަތީފް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

އަދި ހަމައެހެންމެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް، މިނިސްޓާ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޯ ޕްރެޒިޑެންޝަލް އެފެއާޒް އަލީ އާރިފް، މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ޢަބްދުﷲ ނާސިރުވެސް މި ދަތުރުފުޅުގައި ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.