އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ އަށާއި އިންޑިއާއަށް ކުޑައިމީސްކޮށް ރާއްޖޭގެ ތިން ނައިބު ވަޒީރަކު ކުރި ޕޯސްޓްތަކުގެ ސަބަބުން، އިންޑިއާ އިން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ދަށަށް ދިޔަ ކަމަށް، ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ، އެ ގައުމުގެ ސަރަހައްދުގައިވާ ލަކްޝަދީބުގެ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރީތިކަމާއި އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ މެހެމާންދާރީ އަށް ތައުރީފުކުރައްވައި މިދިޔަ ބުރާސްފަތި ދުވަހު 'އެކްސް'ގައި ޕޯސްޓެއް ކުރައްވައިފައެވެ. މޯދީގެ ޕޯސްޓަށް މަރުހަބާ ކިޔައި ކުރި ރީޕޯސްޓެއްގައި އިންޑިއާގެ މީހަކު ބުނީ، މިކަމުގެ ސަބަބުން ލަކްޝަދީބަށް އަންނަ ފަތުރުވެރިން އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަން ދަށަށް ދިއުން އެކަށީގެންވާ ކަމަށެވެ.

އެ ޕޯސްޓަށް ރައްދު ދެއްވައި، ޔޫތު މިނިސްޓްރީގެ ތިން ނައިބުން ކަމަށްވާ މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފްގެ އިތުރުން އަބްދުﷲ މަހްޒޫމް މާޖިދު ވަނީ މޯދީ އަށް ބޭއަދަބީ ބަހުން މުހާތަބުކޮށް ޕޯސްޓުކޮށްފައެވެ. މިކަމާ ގުޅިގެން އިންޑިއާގެ ގިނަ ރައްޔިތުންގެ ނުރުހުން ޝިއުނާ އާއި މަލްޝާ އަށް އަމާޒުވުމުގެ އިތުރުން، ރާއްޖެއަށާއި ދިވެހި ސަރުކާރަށް ފާޑު ވެސް ކިއެވެ.

އެ މައްސަލައިގައި އެ ތިން ވަޒީރުން ވަނީ ސަސްޕެންޑް ވެސް ކޮށްފައެވެ.

ޒަމީރު، އެ ގައުމުގެ ނޫހެއް ކަމަށްވާ 'އޭއެންއައި 'އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ، އިންޑިއާ އާއި ރާއްޖެ އާ ދެމެދު އޮންނަ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށާއި، އިންޑިއާ އަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށެވެ. ޒަމީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖެ ހަލުވިކަމާ އެކު ތަރައްގީ ވުމުގައި އިންޑިއާ ސަރުކާރުގެ ދައުރު ބޮޑެވެ.

އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ އެކު ކުރެއްވި މަޝްވަރާތަކާ ގުޅޭގޮތުން ޒަމީރު ވިދާޅުވީ، ޖައިޝަންކަރާ އެކު ރަނގަޅު ބައްދަލުވުމެއް ބޭއްވުނު ކަމަށާއި، އެގޮތުން މީގެ ކުރިން ހިނގި ކަންކަމާއި ރަނގަޅުކުރެވެން ހުރި ކަންކަމާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށެވެ.

އަވަށްޓެރި އިންޑިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ މުހިންމު އެއް މާކެޓު ކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވި ގޮތުގައި، ސޯޝަލް މީޑިއާގައި ބައެއް ޑެޕިއުޓީ މިނިސްޓަރުން މޯދީއަށާއި އެ ގައުމަށް ކުޑައިމީސްކޮށް ކުރި ޕޯސްޓްތަކުގެ ސަބަބުން އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދު ދަށްވިއެވެ. އެކަމަކު މި ދަތުރުގެ ސަބަބުން އެކަން ރަނގަޅުވެ، އިންޑިއާ މާކެޓް ރަނގަޅުވެގެން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިއާއިން ނަގާފައިވާ ދަރަނި ލުއިކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންގުޅެނީ ފުރަތަމަ ރާއްޖެ، ނުވަތަ 'ޕްރޯ މޯލްޑިވްސް' ސިޔާސަތު ކަމަށާއި، އިންޑިއާގެ އިތުރުން ޗައިނާ ފަދަ ތަރައްގީގެ ބައިވެރިންނާއި ރާއްޖެ އާ ދެމެދު ގާތް ގުޅުމެއް އޮންނަ ކަމަށް ވެސް ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ، މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް ދެ ފަހަރެއްގެ މަތިން އައި ޗައިނާގެ ސާވޭ އުޅަނދެއް ކަމަށްވާ 'ޝިއަން ޔަން ހޮން 3' ބަނދަރުކުރުމަށްޓަކައި ހުއްދަދިނީ އެ ގައުމުގެ ސަރުކާރުގެ ފަރާތުން އެދިގެން ކަމަށާއި، އޭގެ އިތުރުން އެމެރިކާގެ ކަނޑުމަތީ އަސްކަރިއްޔާގެ ފަރާތުން މިދިޔަ މާޗު މަހު އަދި އޭގެ ފަހުން ތުރުކީން ވެސް އުޅަނދެއް ބަނދަރުކުރި ކަމަށެވެ. އޭނާ ވިދާޅުވީ، އިންޑިއާ ކަނޑު އަމާން ކަނޑަކަށް ހެދުމަށްޓަކައި ރާއްޖޭގެ ފަރާތުން އެއްބާރުލުން ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެ ގައުމަށް އަނބުރާ ފޮނުވާލައި، ބަދަލުގައި އިންޑިއާގެ ދެ ހެލިކޮޕްޓަރާއި ޑޯނިއާ އޮޕަރޭޓް ކުރުމަށްޓަކައި އެ ގައުމުގެ މަދަނީ މުވައްޒަފުން ރާއްޖެ އަށް އައިސްފައި ވާކަން ވެސް ޒަމީރު ފާހަގަ ކުރެއްވިއެވެ.