މިއަދު ވައްކަމުގެ 3 މައްސަލައެއް މާލޭގައި ހިނގާފައިވާ ކަމަށާއި މި މައްސަލަ ތައް ތަހުގީގު ކުރަމުން ދާކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިއަދު ހެނދުނު 07:54 އެހާކެތްހާއިރު، އަބަދަށްފެހި މަގުގައި ހުރި ނިއު ލައިން ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލަ އެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މިއަދު ހެނދުނު 08:30 އެހާކެތްހާއިރު ހަމަ މި މަގުގައި ހުރި ބޭސް ފިހާރައަކުން ވައްކަން ކޮށްފައިވާ މައްސަލައެއްވެސް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

މީގެއިތުރުން ފުލުހުން ބުނީ މިއަދު ހެނދުނު 08:46 އެހާކެތްހާއިރު މާލެ ނޯތް ހާބަރުގައި އޮތް ބޯޓަކުން 10 ގޭސް ފުޅި ވަގަށް ނަގާފައިވާ މައްސަލައެއްވެސް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަކާއި ގުޅިގެން އަދި އެއްވެސް ފަރާތެއް ހައްޔަރުކޮށްފައި ނުވާ ކަމަށާއި ނަމަވެސް މި މައްސަލަ ތައް ފުލުހުން އިތުރަށް ތަހުގީގުކުރަމުން ދާކަމަށެވެ.

ރާއްޖޭގައި ހިނގާ ވައްކަމުގެ މައްސަލަތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. ފުލުހުން އާންމުކޮށްފައިވާ މާޗު މަހުގެ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި އެ މަހުވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަ ތަކެވެ. އެގޮތުން މާޗު މަހު ޖުމުލަ 1127 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު އޭގެތެރެއިން 321 މައްސަލައަކީ ވައްކަމުގެ މައްސަލައެވެ.

މާރިޗް މަހުގެ ތެރޭގައި ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ޓްރެފިކް އެކްސިޑެންޓް މައްސަލަތަކެވެ. އެގޮތުން ޓްރެފިކް އެކްސިޑެންޓްތަކުގެ 295 މައްސަލަ ހުށަހަޅާފައިވާއިރު މަސްތުވާތަކެތީގެ ގޮތުގައި 130 މައްސަލަ ހުށަހަޅާފައިވެއެވެ.